އެމެރިކާ ސަފީރުކަމުގެ މަޤާމަށް ޢަބްދުލްޣަފޫރު ޢައްޔަންކުރައްވައިފި

ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މއ.އަތަމާވިލާ ޢަބްދުލްޣަފޫރު މުޙައްމަދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މަޤާމުގެ ފަތްކޮޅު ޢަބްދުލްޣަފޫރާ ހަވާލުކޮށްދެއްވައިފައެވެ.
އެމެރިކާގެ ޓަފްޓްސް ޔުނިވަރސިޓީގެ ފްލެޗަރ ސްކޫލް އޮފް ލޯ އެންޑް ޑިޕްލޮމަސީން އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާރސް ހާސިލުކުރައްވާފައިވާ ޢަބްދުލްޣަފޫރު އެންމެފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމުގައެވެ.
ޢަބްދުލްޣަފޫރު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓެރީގެ މަޤާމާއި, އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ މަޤާމާއި, ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމު ހިމެނެއެވެ. އޭގެ އިތުރުން އޭނާ ވަނީ ފޮރިން މިނިސްޓްރީ އިސް މަޤާމުތައް ވެސް ފުރުއްވާފައެވެ.