ރިޕޯޓް

ދިވެހިންގެ ޚިދުމަތުގައި މި ދެމަފިރިން ރާއްޖޭގައި 22 އަހަރު!

މުޙައްމަދު އަރީޙް ، ދެން އޮންލައިން

މާލޭގެ އެންމެ ކާރު ބާރު ސަރަހައްދު، މާރުކޭޓު ކައިރިން ލާފައި، ވެހެންމުންދިޔަ ގަދަ ވިއްސާރައަކަށް ބެލުމެއް ނެތި، ކުޑަ ކުޑައެއް ނަގައިގެން ސައިކަލުގައި އަހަރެން ހުޅުލެ ފެރީ ޓާމިނަލާ ދިމާއަށް މިސްރާބު ޖަހީ އެތަނުގައި އަހަރެންގެ އިންތިޒާރުގައި ދެމަފިރިއަކު އިނީތީއެވެ. ކިތަންމެ ވަރަކަށް ގުރުގުރާ ވިއްސާރަވި ކަމަކު، ހުޅުމާލޭ ފެރީ ޓާމިނަލްގެ މަތީގައި ހުންނަ ކޮފީ ކްލަބްގައި، ޕްރަސާދް، 50 އަހަރު، އާއި އޭނާގެ އަންހެނުން ސިންދު 47 އަހަރު އިށިންދެލައިގެން ތިބީ އެ މީހުން ރާއްޖޭގައި ހޭދަ ކުރި ގިނަ ދުވަހުގެ ބޮޑު ތަޖުރިބާ ހިއްސާ ކުރުމަށް ކެތް މަދުވެފައެވެ.

Ads by Hajj Corporation

"ކޮއްކޮ އުމުރުން ކިހާވަތެއް؟" ތެމި ފޯވެގެން ހުރެ ކެފޭއަށް ވަދެ، އޭނާއާ ސަލާމްކޮށްލުމުން ޕްރަޝާދް އަހަންނާ ކޮއްލީ މި ސުވާލެކެވެ.

ޓިޝޫއެއް ނަގާ، މޫނު ފޮހެލަމުން އަހަރެންގެ އުމުރު ބަޔާން ކުރުމުން، ޕްރަޝާދް ބުނީ އޭނާ ރާއްޖެއަށް އައިއިރު އަހަރެން އަދި ދުނިޔޭގައި ވެސް ނެތް ކަމަށެވެ. ޕްރަޝާދް ރާއްޖޭގައި ޚިދުމަތް ކުރަމުން އަންނަތާ މިހާރު 25 އަހަރުވއްޖެއެވެ.. 25 އަހަރުގެ ގިނަ ދުވަހުގެ ތަޖުރިބާ ކުރުގޮތަކަށް ލިޔުމުގެ އިޒްނަ ނަގައިގެން އަހަރެންގެ ސުވާލުތައް ބަންޑުންކޮށްލީމެވެ.

ފުރަތަމަ ރާއްޖެއައީ ޕްރަޝާދް، ކައިވެނި ކުރީ ރާއްޖެ އާދެވޭތޯ ބެލުމަށްފަހު

1997 ވަނަ އަހަރު ޕްރަޝާދް ރާއްޖެއަަށް އައީ ފާމަސިސްޓަކަށެވެ. އޭޑީކޭ ހޮސްޕިޓަލުގެ ބޭސް ފިހާރައިގައި ބޭސް ވިއްކާށެވެ. އޭނާގެ ޚިދުމަތަށް މިހާރު 25 އަހަރުވެފައިވާއިރު، އަދި ވެސް މަސައްކަތް ކުރަމުން އަންނަނީ ހަމަ އެ ކުންފުނީގައެވެ. މަސައްކަތުގެ ފެންވަރަށް ބަލާ، ގިނަ ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، ހުރީ ހަމަ ދާއިރާގައެވެ. އޭޑީކޭގެ ކުރިއެރުންތަކުގެ ނިވަލުގައި އަމިއްލަ ނަފްސު ވެސް ކުރިއަރުވައިގެންނެވެ. މިހާރު ޕްރަޝާދަކީ އޭޑީކޭގެ މާކެޓެންޑިން އެންޑް ޕްރޮކިއުމަންޓް މެނޭޖަރެވެ.

"އޭޑީކޭ ނާޝިދު އަހަރެން ރާއްޖެއަށް ގެނައީ. ވަރަށް ބޮޑަށް އެހީވި އެ ދުވަހުން ފެށިގެން. ކޮންމެ ކަމެއްގައި ވެސް ދިމާވި" އިނގިރޭސި ބަހުން އޭނާގެ ވާހަކަތައް ކިޔައިދެން ފެށުމުގެ ކުރިން ޕްރަޝާދް ބޭނުންވީ ޝުކުރު އަދާ ކުރާށެވެ.

1997 ވަނަ އަހަރު ޕްރަޝާދް ރާއްޖެ އައިއިރު ރާއްޖެ އޮތީ ވަރަށް އާދައިގެ ކޮށެވެ. މާ ބޮޑެތި އިމާރާތްތަކެއް ނުހުރެއެވެ. މާ ގިނަ އުޅަނދެއް މަގުމަތީގައެއް ނޫޅެއެވެ. މާލެ ވެސް އޭރު ވަރަށް ހިތް ގައިމެވެ. ޖަޒީރާއެވެ. އާބަން ޑިވެލޮޕްމެންޓްތައް އައީ ޕްރަޝާދް ރާއްޖޭގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.

"ރާއްޖެއަށް އައި ތަރައްޤީ އަހަރެން ދެކުނިން ކުރިން ނެތް ހުޅުމާލެއާއި، އެއާ އެއްވަރުގެ ދެވަނަ ހުޅުމާލެއެއް ވެސް ހިއްކިގެން ދިޔައީ އަހަރެން ހަމަ ރާއްޖޭގައި ހުއްޓާ. ފެރީގެ ނިޒާމާއި ބޮޑެތި އުސް އިމާރާތްތައް އުފުލުނީ ވެސް އަހަރެންގެ ލޯ ކުރިމަތީގައި" ޕްރަޝާދް ކިޔައިދިނީ މިހެނެވެ.

ރާއްޖެ ވެގެން ދިޔައީ ޕްރަޝާދަށް ވަރަށް ކަމުދާ ތަނަށެވެ. އޭރު ޕްރަޝާދް ރާއްޖޭގައި އުޅެމުން އައީ އޭނާ ބޭނުންވި ކަަހަލަ އުފާވެރި ދިރިއުޅުމެކެވެ. ރަނގަޅު ރަޙްމަތްތެރިންތަކެއް ހޯދިއެވެ. ރަނގަޅު އާއްމުދަނީއެއް ލިބެއެވެ. މަދުވަނީ ޙަޔާތުގެ ބައިވެރިއެކެވެ. އެ ހުސްކަން ފޫބަށްދަން ރާއްޖެ އައިތަނުން މަސައްކަތް ފެށިއެވެެ.

ޕްރަޝާން ރާއްޖެ އައިތަން ދެ ވަނަ އަހަރު ހަމަ އޭނާގެ ޤައުމު، އިންޑިއާގެ މީހަކާ ކައިވެނި ކުރިއެވެ.

"އިންޑިއާގައި އާއްމުކޮށް ކައިވެނި ކުރާ މީހުން ހޯދާނީ މައިންބަފައިން. އަހަރެން ވެސް ގޭ މީހުން ކައިރި ބުނީ ކައިވެނި ކުރަން ތައްޔާރޭ." ޕްރަޝާދްގެ އޮތީ އެއް ޝަރުތެކެވެ. އަނބިމީހާއަކީ ވެސް ރާއްޖޭގައި ދިރިއުޅެވޭ މީހަކަށް ވާން ޖެހޭނެއެވެ.

މިތަނުގައި އަހަރެމެންނަށް އޮތް ވަރަށް ގިނަ ފުރުސަތު. ފުރުސަތުތައް އަހަރެމެން ޤައުމުގައި ވެސް އޮވޭ، އެކަމު މިތަން އަހަންނަށް ވަރަށް ކަމުދިޔަ. އެކުގައި މަސައްކަތް ކުރާ މީހުންނާއި، މި މާހައުލު އަހަންނަށް މާ ކަމުދޭ. މިތަނުންދާކަށް ނިޔަތެއް ނެތް. އެހެންވެ އާއިލާ މީހުން ކައިރީ ބުނިން ކައިވެނި ކުރާނީ އެކުގައި ރާއްޖެއަށް އާދެވޭނެ މީހަކާއެކުގައޭ.

23 އަހަރު އެކުގައި ހޭދަކުރި، އޭނާގެ އަނބިމީހާ، ސިންދްއާ  ފުރަތަމަ ފަހަރަށް ޕްރަޝާދް ދިމާވީ 2000 ވަނަ އަހަރު ކައިވެންޏަށް އިންޑިއާއަށް ދިއުމުންނެވެ. އޭގެ ކުރިން ފޯނުން ގުޅާ ވާހަކަ ދައްކައިގެން ހުރިހާ ކަމެއް އޮތީ ފައިނަލްކޮށްފައެވެ. މި ބުނީ ސިންދް ރާއްޖެ ގެނައުމުގެ ކަންތައްތަކެވެ.

ސިންދްއަކީ ނަރުސްކަން ކިޔަވައިގެން ހުރި މީހެކެވެ. އޭރު ރާއްޖޭގައި ގިނައިން މަސައްކަތް ކުރަނީ އިންޑިއާގެ ނަރުހުންނެވެ. ނަރުސްކަން ކިޔަވައިގެން ތިބި ދިވެހިން އޭރު ރާއްޖޭގައި މަދެވެ. ނަމަވެސް އޭރުވެސް މިހާރު ވެސް ނަރުހުން މަދުވެފައި އޮންނަނީ އަތޮޅު ތެރޭގެ ރަށްތަކަށެވެ. އަލަތު ކައިވެންޏެއް ކޮށްގެން ފިރިމީހާއެކު ރާއްޖެއައި ސިންދަށް ދިރިއުޅެން މަޖުބޫރުވީ ފިރިމީހާއާ ދުރުގައި އެހެން އަތޮޅެއްގައެވެ. ނަރުހެއްގެ ވަޒީފާއަށް ސިންދް ނިކުތީ ދ. ކުޑަހުވަދޫ ހޮސްޕިޓަލަށެވެ.

ވަށައިގެން އޮތް ކަނޑުވީ ބޮޑު ތަކުލީފަކަށް، ސިންދު ދިވެއްސަށް ވަރަށް ފަރިތަ

ފިރިމީހާއާ ދުރުން ދިރިއުޅެން މަޖުބޫރުވުން ސިންދްއަށް އެކަންވީ ބުރައަކަށެވެ. ދަންނަ މާގިނަ ބަޔަކު އެރަށަކު ނެތެވެ. އެހެންނަމަވެސް އޭރު އެރަށުގައި ދިރިއުޅެމުންދިޔަ އިންޑިއާ ޓީޗަރެއްގެ އާއިލާއިން ސިންދްގެ ކަންކަން ދިޔައީ ބަރާބަރަށް ބަލަމުންނެވެ.

އެކަނި މާއެކަނި ނުވެސް ދަންނަ މާހައުލަކަށް ސިންދުގެ ދިރިއުޅުން ބަދަލު ކުރަން ޖެހުމުން އޭރު ދިމާވީ ބޮޑެތި ތަކުލީފުތަކާއެވެ.

”ކުޑަކުވަދޫއަށް ފުރަތަމަ ދިޔައީ. އަޅުގަނޑު އެކަނި އޭރު ބޭރު ނަރުހަކަށް އެރަށުގައި މަސައްކަތް ކުރަމުން ދިޔައީ. ލޭންގްއޭޖް ބެރިއަރ އެންމެ ބޮޑު ކަމަކަށް ދިމާވީ” ސިންދް ކިޔައިދިން ގޮތުގައި އޭރު އެރަށުގައި ބޭސް ސިޓީ ލިޔަނީ ވެސް ދިވެހިން ކަމުން ފުރަތަމަ ދިޔަ ދުވަހު ދިވެހި ލިޔަން ކިޔަން ދަސްކުރި ކަމަށެވެ.

އެކަމަކު އެރަށުގައި ދެވަނައަށްވީ ދުވަހު ދިވެހި އަކުރުތައް ދަސްކޮށްފިން. އޭގެ ދެތިން ހަފްތާފަހުން ދިވެހިން ވާހަކަދައްކަން ދަސްވި، އަކުރުތަކާއި އަޑު ދަސްވެ، ވާހަކަ ދައްކަން ގާތްގަނޑަކަށް ނެގީ މަހެއް.

މީގެ ކުރިން ދިވެހިން ވާހަކަ ދައްކަން އިނގޭ ކިތަންމެ ބިދޭސީއަކާ ދިމާވި ނަމަވެސް، މިއީ ދިވެހިން ލިޔަން އިނގޭ ދިމާވި ފުރަތަމަ ބިދޭސީ ޚިދުމަތްތެރިޔާއެވެ. އެކަން އަހަރެން ޤަބޫލު ކުރީ ހެކި ހޯދައިގެންނެވެ. އަތުގައި އޭރު އަހަރެން ނޯޓް ކުރަން އުޅުނު ނޯޓް ފޮތް ދިއްކޮށްލުމަށްފަހު އަހަރެންގެ ނަން އެޅުމަށް ބުނީމެވެ. ހަމަގައިމު ވެސް ސިންދްގެ އަތު ލިޔުމަށްވުރެ އަހަރެންގެ އަތު ލިޔުން ހުތުރެވެ.

އަލަތު ދަރިފުޅު ވިހަން އިންޑިއާއަށް ދިއުމުގެ ކުރިން ސިންދްގެ ޚިދުމަތް، ތިން އަހަރު ދ. ކުޑަހުވަދޫ އެއް އަހަރު ޅ. ނައިފަރުގައި އަދި އެއް އަހަރު ދީފައިވެއެވެ.

22 އަހަރުގެ ޚިދުމަތުގެ ވާހަކަތައް ކިޔައިދެމުން ސިންދް ބުނެފައިވަނީ ކުޑަހުވަދޫގައި އުޅުނު ދުވަސްވަރަކީ އުދަނގޫ ދުވަސްތަކެއް ކަމަށެވެ. މަހަކުން ރަށަށް ފަރިތަވި ނަމަވެސް، ފިރިމީހާ ކައިރިއަށް ކަނޑުމަގުން ދަތުރު ކުރަން ޖެހޭތީ ބޮޑު ކަމަކަށްވި ކަމަށް އޭނާ ކިޔައިދިނެވެ.

ރަށު އެކަކު އަނެކަކަށް ވަރަށް އަވަހަށް އިނގުނު. ވަރަށް އެކުވެރި ބައެއް އެރަށުގައި އުޅުނީ. އުދަނގޫވީ މާލެއަށް އަންނަން ޖެހޭ ދަތުތައް

ފުރަތަމަ ފަހަރަށް ދިގު ދަތުރަކަށް ކަނޑު މައްޗަށް ސިންދް އެރީ ކުޑަހުވަދޫ އިން އިތުރުފަރުވާއަށް މީހަކު މާލެ ގެންދަން ޖެހިގެން އެދަތުރަށެވެ. މާލެއަށް ފިރިމީހާ ކައިރިއަށް ދެވޭތީއާއި، އިތުރު ނަރުހަކު މާލެދާން ބޭނުންނުވާތީ ސިންދް އެކަން ކުރީއެވެ.

"މަސް ދޯންޏެއްގައި އެފަހަރު ގެނައީ މާލެ ޕޭޝިއަންޓެއް. އިތުރު ގޮތެއް ނެތިގެން. ވަރަށް ކަނޑުގަދަ ދުވަހެއް އެއީ. 8 ގަޑިއިރު ދަތުރަކަށްފަހު މާލެ އާދެވުނީ. ކަނޑު މައްޗަށް ގަދަ މީހަކަށް ނުވާތީ މުޅި ދަތުރުގައި އުޅެން ޖެހުނީ ހޮޑުލާން" ސިންދް ކިޔައިދިނެވެ.

ސިންދްއަކީ މިހާރު އައިޖީއެމްއެޗްގެ އެންއައިސީޔޫގައި މަސައްކަތް ކުރާ، އެތަނަށް މުހިންމު ޚިދުމަތްތެރިއެވެ. ރާއްޖޭގައި ހޭދަކުރި 20 އަހަރުން ލިބުނު ތަޖުރިބާ މިއަދު ހިއްސާ ކުރަނީ ކުޑަ ކުދިންނަށް ދޭން ޖެހޭ ފަރުވާ ދިނުމުގައެވެ.

ދަރިންނާ ވަކިން، ދިވެހިންގެ ޚިދުމަތުގައި

ޕްރަޝާދް ކިޔައިދިން ގޮތުގައި އޭނާ މީހަކަށް ހަދައިދިނީ ދިވެހިންނެވެ. އަބުރުވެރި ދިރިއުޅުމެއް މިއަދު އުޅެމުން އެ އަންނަނީ ހަމަ ދިވެހިންގެ މެޙްމާންދާރީގެ ސަބަބުންނެވެ. ކޮންމެވެސް ދިވެއްސެއްގެ ނަން ބުނުމަށްފަހު އިރުއިރުކޮޅުން ޕްރަޝާދް އޭނާއަށް ޝުކުރު ދަންނަވަން ބޭނުންވާކަމަށް ބުނުމުން މިކަމުގެ ހެއްކަކަށް ފުދެއެވެ. އެހެންނަމަވެސް މީހެއްގެ ނަން އުނިވެދާނެތީ، ޕްރަޝާދް ކީ އެ ލިސްޓް ހިމަނާކަށް ބޭނުމެއް ނުވިއެވެ.

2000 ވަނަ އަހަރުން ފެށިގެން ޕްރަޝާދްގެ އަންހެނުން ސިންދް، ރާއްޖޭގައި ދިރިއުޅުން ހޭދަކުރަމުން ދިޔަ ނަމަވެސް އެ ދެމީހުން ދިމާވަނީ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށެވެ. އެއީ ބަލި މީހަކު ގޮވައިގެން އެރަށުން އަންނަ ފަހަރެއްގައެވެ. އެހެން މިކަން އޮއްވާ ސިންދް އޭނާގެ އަލަތު ދަރިފުޅަށް ބަނޑުބޮޑުވިއެވެ. ވިހެއުމަށް ސިންދް ދިޔައީ އިންޑިއާއަށެވެ. އޭގެ ފަހުން އަލުން ކޮންޓްރެކްޓެއް ހަދައިގެން ރާއްޖެ އައިސް މަސައްކަތް ކުރަން ފެށީ އައިޖީއެމްއެޗްގައެވެ.

ޕްރަޝާދާއި ސިންދްގެ ދެ ކުދިން މިއަދު އެބަތިއްބެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި 14 އަހަރުގެ އަންހެން ކުއްޖެކެވެ. ދެ ކުދިން ވެސް އުޅެނީ އިންޑިއާގައެވެ.

ޕްރަޝާދާއި ސިންދްގެ އާއިލާ

"ވަރަށް ބިޒީކޮށް އުޅެނީ ދެ މީހުން ވެސް. އެގޮތަށް އުޅެމުން ދަރިންގެ ކަންތައްތަކަށް އެޓެންޑް ނުވެވޭތީ އުމުރުން 7 އަހަރުވުމުން އިންޑިއާއަށް ފޮނުވާލީ ދެ ކުދިން ވެސް" ސިންދް ބުނީ ކުދިން އިންޑިއާއަށް ފޮނުވާލީ ހިތާ ދެކޮޅަށް ކަމަށާއި އެކަމަކު މަޖުބޫރުވެގެން ކަމަށެވެ. އަދި ދަރިންނާ ދުރުގައި އުޅެނީ ރާއްޖޭގައި މަސައްކަތް ކުރަން ކަމުދާތީ ހިތާ ދެކޮޅަށް ކަމަށެވެ.

"ކުރިން މަންމައުޅުނީ [ރާއްޖޭގައި] އެހީތެރިވާން. މަންމަ ނިޔާވުމުން އިތުރު މީހަކު މިކޮޅަށް އާދެވެން ނެތުމުން ކުދިން ބަލަނީ އިންޑިއާގައި ޕްރަޝާދްގެ މަންމަ"

ޕްރަޝާދާއި ސިންދްގެ ދެ ކުދިންނަށް ވެސް ބޮޑަށް ކަމުދަނީ ރާއްޖެއެވެ. ސްކޫލު ބަންދުގައި ޗުއްޓީއަށް ދެ ކުދިން ވެސް ބައްޕައާއި މަންމަ ކައިރިއަށް އަންނައިރު، އެނބުރި ދާކަށް ބޭނުމެއް ނުވެއެވެ.

"ދަރިން ވެސް ބޭނުމެއް ނުވޭ ދާކަށް. މިކޮޅުގައި ރަނގަޅު ތައުލީމެއް ވެސް ދެވޭނެ. އެކަމަކު ކުދިންގެ ކަންކަން ބަލަން މީހެއް ނެތީ، ދެން މާލޭގައި ވީމަ، ކުލި ވަރަށް ބޮޑު" ދަރިން ރާއްޖޭގައި ބައިތިއްބައިގެން ކިޔަވައިނުދޭ ސަބަބު ކިޔައިދެމުން ސިންދް ބުންޏެވެ.

ޕްރަޝާދާއި ސިންދަކީ ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ ގިނަ ޚިދުމަތްތެރިންގެ ތެރެއިން އެކަކެވެ. ހެލްތް މިނިސްޓްރީ "ދެން"އާ ހިއްސާކުރި ތަފާސް ހިސާބަށް ބަލާއިރު، ރާއްޖޭގައި މިވަގުތު މަސައްކަތް ކުރަމުން އަންނަނީ 2356 ދިވެހި ނަރުހުންނާއި 436 ބިދޭސީ ނަރުހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ޕާކިސްތާނު 4 ނަރުހުންނާއި ނައިޖީރިއާ ނަރުހަކާއި ނޭޕާލް ނަރުހެއްގެ އިތުރުން އިންޑިއާގެ 430 ނަރުހުންނެވެ. އަމިއްލަ ޤައުމު ދޫކޮށް، އަޅުގަނޑުމެންނަށްޓަކައި މި ޚިދުމަތްތެރިންކޮށްދެމުން އަންނަ ޚިދުމަތަށް ޝުކުރު ޙައްޤެވެ.

Ads by Allied Insurance
  1. މަރީ

    މީ ވަރަށް ރޫޑް ނަރުހެއް…