ބިދޭސީއެއްގެ މޫނަށް ދަގަނޑެއް ހެރި، ސީރިއަސް އަނިޔާތަކެއް

މާލޭގެ ކޮންސްޓްރަކްޝަން ސައިޓަކުން ވެއްޓުނު ތޫނު ދަގަނޑު ގަނޑެއް ބިދޭސީ ފިރިހެނެއްގެ މޫނަށް ހެރި، އެމީހާ އަށް ސީރިއަސް އަނިޔާއެއް މިއަދު ލިބިއްޖެއެވެ.
ފުލުހުންގެ ވިދާޅުވީ މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރު 11:38 ހާއިރު ކަމަށެވެ.
މި ހާދިސާ ހިނގާފައި ވަނީ ހެންވޭރުގައި ހަދަމުން ދިޔަ އިމާރާތަކަށް ދަގަނޑުތަކެއް އަރުވަމުން ދަނިކޮށް ކަމަށާއި ދަގަނޑު ވެއްޓި ހެރިފައި ވަނީ މަސައްކަތް ކުރަމުން ދިޔަ ބިދޭސީއެއްގެ ގަޔަށް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ދަގަނޑުތައް ހެރިފައިވަނީ އެ މީހާގެ ނޭފަތާ ދިމާލުން ސީދާ މޫނަށެވެ. މޫނުން ފެށިގެން އޭނާގެ އެތެރެ ހަށްޓާ ހަމައަށް ދަގަނޑު ވަދެފައިވާ ކަމަށްވެ އެވެ. އެ މީހާ މިހާރު އޭޑީކޭ އަށް ގެންގޮސް، ދަނީ ފަރުވާ ދެމުންނެވެ.