ޚަބަރު

ޖާސޫސް ކުރަން އުޅުނު އިންޑިއާ ދެ މީހުން ދޫކޮށްލައި ރާއްޖެއިން ފޮނުވާލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޖާސޫސް ކުރަން އުޅުނުކަމުގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ހައްޔަރުކުރި ދެ މީހުންގެ ބަންދުން ދޫކޮށްލައި ރާއްޖެއިން ފޮނުވާލައިފިއެވެ.

Ads by Hajj Corporation

އެ ދެމީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 28 ގައެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދިނީ 10 ދުވަހެވެ.

އެ މީހުން ޖާސޫސްކުރަން އުޅުނުކަމަށް ތުހުމަތު ކުރެވުނީ އޭވިއޭޝަން ސެކިއުރިޓީން އެ މީހުން ބަލައި ފާސްކުރުމުގެތެރޭ ފާހަގަކުރެވުނު ކަންކަމާ ގުޅިގެންނެވެ.

އެ ދެ މީހުންގެ އަތުން ޖާސޫސް ކުރަން ބޭނުންކުރެވިދާނެފަދަ ސްޕައި ކެމެރާ ފެނިފައިވެއެވެ. އަދި އެ ދެ މީހުން ފުލުހަށް ގެންގޮސް ސުވާލުކުރުމުން އެ ދެ މީހުންގެ ޢާއިލާއާ ބެހޭ ގޮތުން ދިން ބައެއް މަޢުލޫމާތު ފުށޫއަރާކަން ވަނީ ފާހަގަކުރެވިފައެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ''ދެން'' އަށް ވިދާޅުވީ މި މައްސަލައިގެ ތަޙްޤީޤު ކުރި ކުރުމުން ޖިނާޢީ ތުހުމަތެއް އުުފުލޭވަރުގެ ހެއްކާއި ޤަރީނާ ހޯދިފައިނުވާތީ މި މަހުގެ 08 ވަނަ ދުވަހު އެ ދެ މީހުން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު އެ މީހުން ރާއްޖެއިން ފޮނުވާލައިފައިވާ ކަމަށެވެ.

އެ މީހުންގެ ދަބަހުން ގޮވާ ތަކެތި ފެނުނުކަމަށް ބުނާ ވާހަކައެއް ވެސް ބައެއް މީޑިއާތަކުން ރިޕޯޓުކުރިއެވެ. ނަމަވެސް ފުލުހުން ވަނީ އެ ވާހަކަ ދޮގުކޮށްފައެވެ.

އެ ދެ މީހުންނާއެކު އިތުރު ބަޔަކު ވެސް ޝާމިލްވާކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް މި މައްސަލަ ފެންމަތިވުމުގެ ކުރިން އެ މީހުން ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!