ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ފުރަން ގޮސް ދަބަހުގެ ތެރޭގައި ބޮމެއް އޮތް ކަމަށް ބުނެ ވާހަކަ ދެއްކި މީހަކު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހިފެހެއްޓީ ދަބަސް ޗެކް ކުރަން އުޅުމުން ދަބަހުގައި އޮތީ ބޮމެއް ކަމަށް ބުނެ ވާހަކަ ދެއްކުމުންނެވެ. އެމީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު ގަން އެއާޕޯޓު މިވަގުތު އޮތީ ކުއްލި ހާލަތަށް ގެނެސްފައި ކަމަށް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހުން ގެންގުޅުނު ތަކެތި އެމްއެންޑީއެފުން ބަލާ ފާސްކުރިއިރު އެފަދަ އެއްޗެއް ފެނިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފުރަން ގޮސް ބޮމެއް އޮތް ކަމަށް ބުނެ ވާހަކަ ދެއްކުމުން މީގެކުރިން ވެސް ބައެއް މީހުން ރާއްޖޭގެ އެކި އެއާޕޯޓުތަކުން ހައްޔަރުކޮށްފައިވެއެވެ.