ޚަބަރު އިޖުތިމާޢީ

ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ ބޯޓެއް އަތުލައިގެންފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އަތުލައިގަތް މަސް ބޯޓު. ފޮޓޯ: ބީކޭއެމްޔޫ/ޓްވިޓާ

ރާއްޖޭގެ އިޤުތިސާދީ ސަރަހައްދަށް ޤާނޫނާ ޚިލާފަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

Ads by Sosun Fihaara

ތ.މަޑިފުށީގެ އިރުމަތިން 17 މޭލު ބޭރުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް އެ ބޯޓު ހިފަހައްޓައި އެމްއެންޑީއެފަށް ރިޕޯޓުކުރީ އދ.މަހިބަދޫ އަސުރުމާ 2 ދޯންޏާއި, ތ.މަޑިފުށީ ގޮދާ ދޯނިންނެވެ.

އެމްއެންޑީއެފަށް އެކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 11:26 ހާއިރުއެވެ.

އެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ "މާފަތް" ލޯންޗު އެ ސަރަހަށްދަށް ގޮސް މިއަދު 14:00 ހާއިރު އެ ބޯޓު ވަނީ ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައެވެ. ކޯސްޓްގާޑަށް އެ ބޯޓު ފެނިފައިވަނީ ލ.އިސްދޫ މުލީގެ އިރުއުތުރުން 15 ނޯޓިކަލް މޭލު ބޭރުންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ އުޅަނދެއްކަމެއް ހާމައެއް ނުކުރެއެވެ.

ބޯޓު އަތުލައިގަތް ސަރަހައްދު. ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ އެ އުޅަނދު ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ދޭތެރެ ދޭތެރެއިން ރާއްޖޭގެ އިޤުތިސާދީ ސަރަހައްދަށް ވަދެ, ބޭރުގެ ބޯޓު ފަހަރުތަކުން މަސްވެރިކަން ކުރެއެވެ. ދާދިފަހުން ފިޝަރީޒް މިނިސްްޓްރީން ވަނީ އެފަދަ ދެ އުޅަނދެއްގެ މައްސަލަ ބަލައި, އޭގެތެރެއިން އެއް އުޅަނދުގެ ވެރިފަރާތް 600,000 އަދި އަނެއް އުޅަނދުގެ ވެރިފަރާތް 100,000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އެއީ ސްރީލަންކާއަށް ނިސްބަތްވާ ދެ އުޅަނދެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!