ދުނިޔެ

ޗައިނާގެ ބޯއްޓެއް ކަނޑުވެ، ތިން މީހަކު މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގިނަ އަދަދެއްގެ ބަޔަކު އަރުވައިގެން ދަތުރު ކުރަމުންދިޔަ ބޯޓެއް ކެމްބޯޑިޔާގެ އައްސޭރިފަށް ފެތި، ތިން މީހުން މަރުވެއްޖެއެވެ. އެ ބޯޓުގައި ތިބީ ކެމްބޯޑިޔާގައި ވަޒީފާ އަދާކުރުމުގެ ބޭނުމުގައި އެ ޤައުމަށް ހިޖުރަކުރަން މަސައްކަތްކުރި ޗައިނާގެ ބަޔެކެވެ. ބޯޓު ދިޔަވެ، ފެތިފައި ވަނީ ކެމްބޯޑިޔާގެ ސިހަނުކްވިލް ކިޔާ ރަށެއްގެ އައްސޭރިފަށަށެވެ.

Ads by Sosun Fihaara

ބޯޓުގައި ޗައިނާގެ 41 މީހުންނާއި، ކެމްބޯޑިޔާގެ ދެ ފަޅުވެރިން ދަތުރުކުރި ކަމަށާއި، ކަނޑުވި 30 މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށް ކެމްބޯޑިޔާގެ އޮފިޝަލުން ހާމަކުރެއެވެ. އެ މީހުން ފެނިފައި ވަނީ ވިއެޓްނާމްގެ ކަނޑުގެ ސަރަޙައްދުންނެވެ. ނަމަވެސް، ބޯޓުގައި ދަތުރުކުރި އަށް މީހެއްގެ ހަށިގަނޑު އަދިވެސް ނުފެނެއެވެ. އެ މީހުން ހޯދުމަށް ކެމްބޯޑިޔާގެ އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެ މީހުން ޗައިނާއިން ކެމްބޯޑިޔާއަށް ދިޔުމަށް ފުރާފައި ވަނީ ސެޕްޓެންބަރު 11 ވަނަ ދުވަހުއެވެ. ފުރަތަމދަތުރު ކޮށްފައި ވަނީ ލޯންޗެއްގައެވެ. ނަމަވެސް، ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުން އެ މީހުން އެހެން ބޯޓަކަށް ބަދަލު ކުރިއެވެ. އަދި، ދަތުރުގެ ވަކި ހިސާބަކުން ބޯޓު ދިޔަވާން ފެށުމުން ބޯޓުގައި ތިބި ކެމްބޯޑިޔާގެ ދެ ފަޅުވެރިން ކަނޑަށް ފުންމައިލާފައިވާ ކަމަށް ކެމްބޯޑިޔާގެ އޮފިޝަލުން ބުނެއެވެ. އެ ދެ މީހުން ވެސް ވަނީ ކަނޑުމަތިން ސަލާމަތް ކޮށްފައެވެ.

ކެމްބޯޑިޔާގެ ސިހަނުކްވިލްގައި ވަޒީފާ އަދާ ކުރުމަށް ޗައިނާގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ރަށަށް ހިޖުރަ ކޮށްފައެވެ. މީގެ ތެރޭގައި އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ މީހުން ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި، އަނބުރާ ޤައުމަށް ދިޔުމުގެ ފުރުޞަތު އެ މީހުންނަށް ބަންދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިންސާނީ ވަގުފާރީގައި ހަރަކާތްތެރިވާ ވިއުގަތައް ހުއްޓުމަށް ކެމްބޯޑިޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވޮންގް ވެންބިން ވިދާޅުވީ، މި ހާދިސާ ވަރަށް ގާތުން ބަލަމުންދާ ކަމުގައެވެ. އަދި، ކެމްބޯޑިޔާގެ ސަރުކާރާ މަޝްވަރާ ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!