ފިސްތޯލައެއް އޮތް ކަމަށް ބުނި މީހާ ދޫކޮށްލައިފި

ފިސްތޯލައެއް އޮތް ކަމަށް ބުނެގެން ހދ. ހަނިމާދޫ އެއާޕޯޓުން އިއްޔެ ހެނދުނު ހައްޔަރު ކުރި އެ އެއާޕޯޓުގެ މުވައްޒަފު ސުވާލު ކުރުމަށް ފަހު ދޫކޮށްލާފިއެވެ.
ފުލުހުން ވިދާޅުވީ، އެ މީހާ އިއްޔެ ދޫކޮށްލާފައިވީ ނަމަވެސް މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ.
އިއްޔެ ހެނދުނު 10 ހާއިރު އެއާޕޯޓު މުވައްޒަފު ހައްޔަރުކޮށްފައި ވަނީ، ފުލުހުން އޭނާގެ ހަށިގަނޑު ބަލައި ފާސްކުރި ވަގުތު، އޭނާގެ އަތުގައި ފިސްތޯލައެއް އޮތް ކަމަށް ބުނުމުންނެވެ.
އެކަން ހިނގައިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހއ. އަދި ހދ.ގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އިއްޔެ ހެނދުނު ހަނިމާދުއަށް ވަޑައިގެންނެވި ފްލައިޓް އެއާޕޯޓުގައި ޖެއްސުމުގެ އިރުކޮޅެއް ކުރިންނެވެ.