ކުނީގެ މައްސަލައަށް ހަލެއް ނުލިބި ތުލުސްދޫ ގޮތް ހުސްވެފައި!

(ކ. ތުލުސްދޫ) މިރަށަކީ 1982 އިން ފެށިގެން މާލެ އަތޮޅުގެ ވެރިކަން ކުރަމުން އަންނަމުން އަންނަ ރަށެވެ. 1,483 މީހުންގެ އާބާދީއެއް އޮންނަ މިރަށަށް ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލައަކީ ރަށް ގިރުމުގެ މައްސަލައާއި ކުނި ރަނގަޅަށް މެނޭޖް ނުކުރެވުމުގެ މައްސަލައެވެ.
"ދެން" އިން މިދިޔަ ހަފްތާ ބަންދުގައި ތުލުސްދުއަށް ކުރި ޒިއާރަތުގައި މިރަށުގެ ކައުންސިލްގެ ޝަކުވާ އަޑުއަހާލުމަށް އެއް މޭޒަކަށް ވާނީ ގޮސްފައެވެ.
"މިކަންކަމާއި އަޅުގަނޑުމެން ސަރުކާރުގެ ގުޅުން ހުރި އެކި މުވައްސަސާތަކާއި ވަރަށް ގިނަ ފަހަރުގެ މަތިން ވާނީ ވާހަކަ ދެކެވިފައި. ނަމަވެސް މިއަދާ ހަމައަށް އައިއިރު ވެސް އެއް ވެސް ކަމެއްގެ ހައްލު ލިބިފައެއް ނެތް" ތުލުސްދޫ ކައުންސިލް ރައީސް އަސްލަމް މޫސާގެ ވާހަކަ ފެށީ ދައުލަތުގެ ކަމާ ބެހޭ އިދާރާތުގެ އެއްބާލުރުން ކައުންސިލަށް ނުލިބޭ ކަމުގެ ޝަކުވާއިންނެވެ.
ތުލުސްދޫގެ އާބާދީއާއި އެރަށަށް ޒިޔާރަތް ކުރާ ގިނަ ފަތުރުވެރިން އުފައްދާ އެތައް ޓަނެއްގެ ކުނި ޖަމާކޮށްފައި ހުންނަނީ ރަށުގެ މީހުން ދިރިއުޅޭ ހިސާބާ މާ ދުރުނޫން ހިސާބެއްގައެވެ. އަލަށް ދޫކުރި ގޯތިތަކާއި 200 ވަރަކަށް ފޫޓް ވެސް ނުހުރެއެވެ. ޕްލާސްޓިކާއި ނުރައްކާތެރި ވިހައިގެ ބާވަތްތައް ވެސް ވަކިކުރެވޭނެ ގޮތެއް ނެތެވެ. ހުރިހާ އެއްޗެއް ހުންނަނީ އެއް ފުންޏަކަށެވެ. ކުނިތަކުގައި ރަށުގެ މީހުން ޖަހަނީ ހުޅެވެ.

ތުލުސްދޫގެ ކުނިގޮނޑުގެ މަތިން ނަގާފައިވާ ފޮޓޯއެއް.. މިތަން ހުންނަނީ އާއްމުން ދިރިއުޅޭ ސަރަހައްދާ ވަރަށް ކައިރީގައި. ދެން އިމޭޖްސް/ ޝަމްވީލް
ގޮނޑުގައި ރޯކުރުން، ފަޔަރުން އައިވެސް އަލިފާންގަނޑު ނިއްވަން ޖެހޭ
ކައުންސިލްގެ ރައީސް އަސްލަމް ވިދާޅުވީ، ރައްކާތެރި ގޮތެއްގައި ކުނި ނައްތާލެވޭނެ އިންތިޒާމެއް ނެތުމުގެ ސަބަބުން ގިނަ އަދަދެއްގެ ކުނި އެއް ސަރަހައްދަކަށް ޖަމާކުރަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މިގޮތަށް ޖަމާކުރާ ކުނީގެ ސަބަބުން ރަށުގެ މީހުންނަށް އުދަނގޫވެ، އެސަރަހައްދުގައި ދޭތެރެ ދޭތެރެއިން ރަށުގެ މީހުން ހުޅު ޖަހާ ކަމަށް ވިދާޅުވިއެވެ.
"ދޭތެރެ ދޭތެރެއިން މިތަނަށް ކޮންމެ ވެސް ބަޔަކު އައިސް އަލުފާން ޖަހާ" އަސްލަމް ވިދާޅުވީ، ހުޅު ޖެހުމުން އުފެދޭ ދުމުުގެ ސަބަބުން ގިނަ ބަޔަކަށް އުދަނގޫ ވެގެން އެކަމުގެ ޝަކުވާ ކުރާތީ، އަބަދު ވެސް ހުޅުގަނޑު ނިއްވާލަން ކައުންސިލުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ދެން"ގެ ނޫސްވެރިން ކުނިގޮނޑު ބަލާލަން ދިޔައިރު ވެސް އެތަނުގައި ހުޅު ޖަހާފައެވެ. ކޮންމެވެސް ވަރަކަށް ދުމުގެ އަސަރު އެ ސަރަހައްދުގައި ހުރިއެވެ.

ތުލުސްދޫގެ ކުނިގޮނޑުގައި ރޯކޮށްލާފައި.. ދެން އިމޭޖްސް/ޝަމްވީލް
އަސްލަމް ވިދާޅުވީ، މިގޮތަށް ހުޅު ޖެހުމުގެ ސަބަބުން ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތް ކުރާ މީހުންގެ ޝަކުވާތައް އަބަދުވެސް އަންނަ ކަމަށެވެ.
"ހުރިހާ ދުމެއް އަންނަނީ ރަށު ތެރެއަށް، މިއީ ނިމުމެއް ނެތް ޝަކުވާއެއް" އަސްލަމް ވިދާޅުވިއެވެ.
"ރޯކޮށްލައިފިއްޔާ ގޭގައި ހިއްކަން އަޅުވާފައި ހުންނަ އެއްޗެހިވެސް ނަގަން ޖެހޭ. މުޅި ސަރަހައްދުގައި ދުން ބޯވެފައި ހުންނާނީ. ދުމުގެ އަސަރު ކުރޭ ވަރަށް ބޮޑަށް. ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުން ވެސް އުޅޭ މިތާ ކައިރީ. އަސްލު ވަރަށް ބޮޑު މައްސަލައެއް" ތުލުސްދޫން "ދެން"އާ ވާހަކަ ދެއްކި ގޮނޑު ހުންނަ ސަރަހައްދު ކައިރީގައި އުޅޭ މީހަކު ކިޔައިދިނެވެ.
އަސްލަމް ވިދާޅުވީ ގޮނޑުގައި ރޭގަނޑު 6ގެ ފަހުން ބައެއް ފަރާތްތަކުން ހުޅު ޖަހާތީ އެކަން ހުއްޓުވަން އެ ސަރަަހައްދުގައި ކައުންސިލްގެ މުވައްޒިފެއް ގާޑްކޮށްފައި ހުންނާނެ ކަމަށާއި ބައެއް ފަހަރު ރޭގަނދު ދަންވަރު ވެސް ހުޅު ޖަހައިގެން އެތަން ނިއްވަން ކައުންސިލްގެ މުވައްޒިފުން ހަރަކާތްތެރިވާން ޖެހޭ ކަމަށެވެ. އަދި ހުޅުގަނޑު ކޮންޓްރޯލް ނުވެގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ އެހީތެރިކަން ހޯދަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް އަސްލަމް، "ދެން" އަށް މައުލޫމާތު ދެއްވަނީ
ހައްލު ހޯދައިދޭން މަސައްކަތެއް ނުކުރޭ
ތުލުސްދޫގެ ކުނީގެ މައްސަލައަކީ މިއަދަކު އިއްޔެއަކު ދެކެވެން ފެށި ވާހަކައެއް ނޫނެވެ. ކުރިން މިރަށުގެ ކައުންސިލްތަކުން ވެސް މަސައްކަތްކޮށް ހައްލު ނުވެފައި އޮތް މައްސަލައެވެ. މިހާރު އޮތް ކައުންސިލުން ވެސް މިކަން ހައްލު ކުރަން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
މިގޮތުން މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ކައުންސިލުން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއާ ބައްދަލު ކުރައްވާ މި މައްސަލައިގައި ހައްލެއް ހޯދަވައިދެއްވުމަށް އެދި ވަޑައިގެންފައެވެ.

ކުނީގެ މައްސަލަ މަޝްވަރާ ކުރުމަށް ތުލުސްދޫ ކައުންސިލުން 5 ޖޫން 2022 ގައި ބޭއްވުނު ބައްދަލުވުުން
"5 ޖޫންގެ ބައްދަލުވުމުގައި އަޅުގަނޑުމެން ވާނީ ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައާއި ރަށް ގިރުމުގެ މައްސަލަ ވެސް ރައީސްއާ ހިއްސާކޮށްފަ. ރައީސް ވިދާޅުވި ދެ ހަފްތާ ތެރޭގައި ބައެއްކަންކަން ގިނަވެގެން މަސް ދުވަސް ތެރޭގައި އެ މައްސަލަތައް ހައްލުކޮށްދެއްވާނެކަމަށް. އެހެން ނަމަވެސް މިއަދާއި ހަމަޔަށް އައިރު އެއްވެސް މަސައްކަތެއް ކުރައްވާފައެއް ނެތް" އަސްލަމް ވިދާޅުވީ ތުލުސްދުއަށް ދިމާވެފައިވާ މިފަދަ މައްސަލަތަކުގައި ހައްލު ހޯދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެކަމުގެ އަމަލީ އެއްވެސް މަސައްކަތެއް ފެންނަމުން ނުދާ ކަމަށެވެ.
ތުލުސްދޫގައި ވޭސްޓް މެނޭޖުމަންޓް ސެންޓަރެއް ހަދަން މިދިޔަ އަހަރު ޖޫން 17 ގައި އެންވަޔަރަމަންޓް މިނިސްޓްރީއާ އެކު އެއްބަސްވުމެއް ސޮއިކުރި ތުލުސްދޫ ކައުންސިލުން ވަނީ ސޮއިކޮށްފައެވެ. އެކަމުގެ އަމަލީ މަސައްކަތް ނުފެށި ލަސްތަކެއް ވުމަށްފަހު، އަނެއްކާ ވެސް ގްރޭޓާ މާލެ އެންވަޔަރުމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ތުލުސްދޫގައި ކުނި މެނޭޖުކުރާ ސެންޓަރު އެޅުމަށް، ޖޫން 28 ގައި ޓެންޑަރަށް ހުށަހަޅާފައެވެ. ނަމަވެސް މި ކަމުގެ އަމަލީ މަސައްކަތެއް އަދި ވެސް ފެށިފައެއް ނުވެއެވެ.