ޚަބަރު ޝަރުޢީ ދާއިރާ

ރިޝްވަތު ނެންގެވިކަމަށް ބުނާ މައްސަލަ ބަލަން ފެށުމުން ވެލިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު އިސްތިއުފާ ދެއްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މެޖިސްޓްރޭޓްކަމުން އިސްތިއުފާދެއްވި އަޙްމަދު ސަޢީދު ޢަލީ. ފޮޓޯ: ޓްވިޓާ/އަޙްމަދު ސަޢީދު

ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓު އަޙްމަދު ސަޢީދު ޢަލީ އެ މަޤާމުގައި ހުންނަވައިގެން, އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ވަކި ގޮތަކަށް ހިންގައި ނިންމުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތައް ބެހެއްޓުމާއި, ރިޝްވަތުނަގާކަމަށް ބުނާ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ތަޙްޤީޤު ކުރަމުންދަނިކޮށް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

Ads by STELCO

ޖޭއެސްސީން ހާމަކުރި ގޮތުގައި ފަނޑިޔާރުކަމުގެ މަޤާމުން ސަޢީދު އިސްތިއުފާދެއްވީ މި މަހުގެ ހަވަނަ ދުވަހުއެވެ.

ޖޭއެސްސީގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ކޮމިޝަނުން ބެލުމުގެ އިހްތިސާސް ލިބިފައިވަނީ ފަނޑިޔާރެއްގެ މަޤާމުގައި ހުރި ފަރާތެއްގެ ސުލޫކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކެވެ.

ނަމަވެސް ސަޢީދު މިހާރު އިސްތިއުފާ ދެއްވާފައިވާތީ އޭނާއާ ގުޅޭ ގޮތުން ކޮމިޝަނުން ތަޙުޤީޤު ކުރަމުންދިޔަ މައްސަލައިގެ ތަޙްޤީޤު އިތުރަށް ކުރިއަށް ގެންދެވެން ނެތުމުން, މައްސަލައިގެ ތަޙްޤީޤު ހުއްޓައިލާ މައްސަލަ ފައިލްކުރަން ނިންމާފައިވާކަމަށް ޖޭއެސްސީން ބުންޏެވެ.

އަދި އެ މައްސަލަ ކޮމިޝަންގެ ފަރާތުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި, ފުލުހުންނަށް ހުށަހެޅުމަށް ފެންނަކަމަށް މި މަހުގެ 25 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 66 ވަނަ ޖަލްސާއިން ނިންމާފައިވާ ކަމަށެވެ.

  1. ޖޭއެސްސީ މިއުޅެނީ ހައްދުން ނެއްޓިގެން، ސުލޫކޭ ކިޔާއިގެން ފަޑިޔާރުންނަށް ބިރުދައްކަން !