ގަސްތައް ކެނޑުން ހުއްޓުވުމުގެ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި

އަމީނީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އެ މަގުގައި ހުރި ގަސްތައް ކަނޑާ މައްސަލަ ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޕްލޭނިންގ މިނިސްޓްރީއާ ދެކޮޅަށް ރައީސް ނަޝީދުގެ ފަރާތްޕުޅުން މައްސަލަ ހުށަހެޅުއްވީ ޝުނާނާ އެންޑް ކޯ ލޯ ފާމުންނެވެ. މި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އަމީނީ މަގު ގަސްތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފައެވެ.
މައްސަލައިގެ ދަޢުވާ ފޯމުގައިވާ ގޮތުން އަމީނީމަގު ހެދުމުގެ އީއައިއޭ ރިޕޯޓުގައި ވަނީ ތާރު އެޅުމުގެ ބަދަލުގައި ގާ އަޅައިގެން މަސައްކަތް ކުރަން ލަފާ ދީފައެވެ. އަދި ގާ އަޅައިގެން މަަސައްކަތް ކުރާނަމަ, ގަސް ނުކަނޑައި މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މަޝްރޫޢުގެ އީއައިއޭ ރިޕޯޓު ފުރިހަމައެއް ނޫން ކަމަށާއި, ގަސްތައް ކެނޑުމުން ވައި ނުސާފުވެ, މޫސުމަށް ބަދަލު އަންނާނެކަމަށް ލަފާކުރެވޭ މިންވަރު އަދި ގެއްލުން ކުޑަ ކުރެވޭނެ ނިސްބަތާއި މީހުންގެ ސިއްހަތަށް ގެއްލުންވާނެ ގޮތްތައް ދިރާސާކޮށްފައި ވެސް ނުވާ ކަމަށެވެ.
ޒަމާނީ ފެންވަރަށް އަމީނީމަގު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށީ މިދިޔަމަހުގެ 30 ގައެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނާ ގޮތުން އެ ގަސްތައް ގެންދަނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ސަރުކާރުން ތަރައްޤީކުރަމުން އަންނަ ކުޑަގިރިއަށެވެ.