އަހިންސަ މުޖުތަމަޢުއެއް އުފެއްދޭނީ ހުރިހާ ފަރުދުންގެ ބައިވެރިވުން އޮވެގެން: އިމްރާން

އަހިންސަ ނުވަތަ ސުލްޙަމަސަލަސް ކަމާއި އަމަންއަމާން މުޖުތަމަޢުއެއް އުފެއްދޭނީ މުުޖުތަމަޢުގެ ހުރިހާ ފަރުދުންގެ ބައިވެރިވުން އޮވެގެންކަމަށް ހޯމް މިނިސްޓަރު އިމްރާން މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ އަހިންސަ ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައި އިމްރާން ވިދާޅުވީ ވިލުންވެރި މުޖުތަމަޢުއެއްގެ މައިބަދައަކީ މުޖުތަމައުގެ ސުލްޙަމަސަލަސްކަމާއި, އަމަންއަމާންކަމާއި ރައްކާތެރިކަން ކަމަށެވެ. އަދި އަމަންއަމާންކަން ލިބިގެންވާ މުޖުތަމަޢުއަކީ ސަލާމަތުގެ އައްސޭރިއަށް ދަތުރު ކުރެވޭނެ މުޖުތަމަޢުއެއްކަން ވެސް އިމްރާން ފާހަގަކުރެއްވިއެވެ.
''އަހިންސަ މުޖުތަމަޢުއެއް އުފެއްދޭނީ މުުޖުތަމަޢުގެ ހުރިހާ ފަރުދުންގެ ބައިވެރިވުން އޮވެގެން. ސަރުކާރާއި ސަރުކާރުގައި ހިމެނޭ މުއައްސަސާތަކާއި ވަކިވަކި ފަރުދުން އަހިންސައަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ދޭދޭ ޤައުމުތަކާއި މުޖުތަމަޢުތަކާއި ފަރުދުންގެ މެދުގައި އުފެދޭ މައްސަލަތައް ހައްލުކުރާނީ ވައިލެންޓް ވެގެންނެއް ނޫން.''
އިމްރާން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން އަހިންސަ މުޖުތަމަޢުއެއް ގާއިމުކުރުމަށްޓަކައި ރާއްޖެއަކީ ވެސް މުހިންމު ދައުރެއް އަދާކުރެވޭނެ ބައެކެވެ. އެ ގޮތުން ދިވެހި މުޖުތަމަޢުއަކީ އަހިންސަ މުޖުތަމަޢުއަކަށް ހެދުމަށް ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ.