ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެބައި އުމުރުގެ ފިރިހެނަކު ހައްޔަރުކޮށްފި

ޢުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަން (މ, ފ, ދ, ތ, ލ ) ގައި ހިމެނޭ ރަށެއްގައި ޢުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހެޅީ މި މަހުގެ 05 ވަނަ ދުވަހު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
އެ މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ގާޒީ ވަނީ ޢަމުރު ކުރައްވައިފައެވެ.