މީގެ ފަހުން މަހްރަމަކާ ނުލައި އަންހެނުންނަށް ހައްޖުގެ އަޅުކަން އަދާކުރެވޭނެ: ސަޢޫދީ

ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ސަޢޫދީ އަރަބިއްޔާ އަށް ދާ އަންހެނުން މީގެ ފަހުން މަހްރަމަކު ގެންދަން ނުޖެހޭ ގޮތަށް ކަނޑައަޅައި، ހައްޖާއި އުމްރާ އަށް އެތެރެވުމުގައި ލުއިފަސޭހަ ގޮތްތަކެއް ސަޢޫދީ ސަރުކާރުން ހަމަޖައްސައިފިއެވެ.
މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ ސަޢޫދީ އެމްބަސީގައި ވާހަކަފުޅު ދައްކަވަމުން، ސަޢޫދީގެ ހައްޖާއި އުމްރާގެ މިނިސްޓަރު ޑރ. ތަވްފިގު އަލް ރާބިއާ ވިދާޅުވީ މިސްރުގެ އުމްރާވެރިންނަށް އަޅާފައިވާ ސިއްހީ ހުރިހާ ފިޔަވަޅުތަކެއް ސަޢޫދީ އަރަބިއްޔާއިން އުވާލާކަން ނިންމައިފައިވާކަމަށެވެ.
ޑރ. ތައުފީގު އިތުރަށް ވިދާޅުވީ އުމްރާގެ އަޅުކަން އަދާކުރުމަށް އަންނަ މީހުންގެ އަތުގައި ކޮންމެ ކަހަލަ ވިސާއެއް އޮތް ނަމަވެސް އެ އަޅުކަން އަދާކުރެވޭނެ ކަމަށެވެ.
މީގެ ކުރިން ސަޢޫދީ އަރަބިއްޔާ އިން އަމަލުކުރަމުން އައި އުސޫލުގައި އޮންނަ ގޮތުން، އުމްރާ ނުވަތަ ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ސަޢޫދީއަށް އެތެރެވާ ކޮންމެ އަންހެނަކު، އޭނާއާ އެކުގައި މަހްރަމަކު ގެންދަންޖެހެއެވެ.
ފާއިތުވި 2021 ވަނަ އަހަރުވެސް ސަޢޫދީ ސަރުކާރުން ވަނީ ކޮވިޑް-19އާ ގުޅިގެން އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މަހްރަމަކާ ނުލައި އަންހެނުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައެވެ.
އަލްޙަމްދު ލިއްލާހި