ވިޔަފާރި

ބީއެމްއެލް އިން ސްޕޯޓްސް ސްކޮލާޝިޕް ތައާރަފްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން މިއަދު ސްޕޯޓްސް ސްކޮލާޝިޕް ތައާރަފްކޮށްފިއެވެ.

Ads by Hajj Corporation

ބީއެމްއެލް އިން ބުނީ މި ސްކޮލާޝިޕް ޕްރޮގްރާމުގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުން ކަމަށެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ ތެރެއިން ތިން އެތުލީޓަކަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމް.އޯ.ސީ) އާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ސްކޮލަރޝިޕް އަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީވެފައިވާ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި އެކިއެކި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅިގެން ބީއެމްއެލް އިން ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ.

އެގޮތުން މޮޅު އެތުލީޓުންނަށް ރާއްޖޭގައި އާއި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ކާމިޔާބީ ހާސިލްކޮށްދިނުމުގެ ބޭނުމުގައި މިއަދު ސްޕޯޓްސް ސްކޮލާޝިޕް އިއުލާން ކުރެވިގެން ދިޔުމަކީ ލިބޭ އުފަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްޕޯޓްސް ސްކޮލާޝިޕް އަށް ހުށަހެޅުމާ ގުޅޭ ތަފްސީލު ފަހުގެ ތާރީހެއްގައި ހާމަކުރާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!