ދުނިޔެ

ބީއެމްއެލްއިން އައިޖީއެމްއެޗްގައި އޮންކޮލޮޖީ ވޯޑެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސް އިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އޮންކޮލޮޖީ އަށް ހާއްސަ ވޯޑެއް ގާއިމްކުރުމާ ގުޅޭ އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.

Ads by Sosun Fihaara

ބީއެމްއެލްއިން ބުނެފައިވަނީ މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

އައިޖިއެމްއެޗްގައި މި ޕްރޮޖެކްޓް ހިންގުމަށް 3.5 މިލިއަން ރުފިޔާ ހަދިޔާ ކުރުމަށް ބީއެމްއެލްއިން ވަނީ ހަމަޖެހިފައެވެ.

މިއަދު ބީއެމްއެލްގައި ބޭއްވި ހަފްލާއެއްގައި އެމްއޯޔޫގައި ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން އެވެ. އަދި އައިޖީއެމްއެޗް ގެ ފަރާތުން ސޮއި ކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމެވެ.

"އަޅުގަނޑުމެންގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ވާނީ ރާއްޖެއަށް މުހިންމު ގިނަ ދާއިރާތަކަށް އަމާޒުކޮށްފައި. މިގޮތުން މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ބޭންކުގެ މާލީ އެހީތެރިކަން ލިބިގެން މިދަނީ ސިއްހީ ދާއިރާއަށް މިހާރުވެސް ވަރަށް ބޭނުންތެރި މުހިންމު ކަމަކަށް. މި ޕްރޮޖެކްޓްގެ އެހީގައި ކެންސަރ ބަލި ތަހައްމަލުކުރަމުންދާ ބަލިމީހުންނަށް ހާއްސަ ވޯޑެއް ގާއިމްކުރެވިގެންދާނެ. އަދި އަޅުގަނޑުމެންގެ އުންމީދަކީ މި ވޯޑުގެ މެދުވެރިކޮށް ރައްކާތެރި އަދި ފެންވަރު ރަނގަޅު އޮންކޮލޮޖީ ހިދުމަތްތަކެއް އެކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ލިބިގެންދިޔުން." ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް ވަނީ ކެންސަރު ބަލީގެ މީހުންނަށް ހާއްސަ ވޯޑެއް ގާއިމްކުރުމަށްޓަކައި ބީއެމްއެލްއިން ދެއްވި ދީލަތި އެހީއަށް ޝުކުރު އަދާކުރައްވާފައެވެ.

"މި އެހީގެ ސަބަބުން ބަލިމީހުންނަށް އެންމެ ފަހުގެ ފެންވަރު ރަނގަޅު ފަރުވާއެއް ދިނުމަށް ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވިގެންދާނެ. ކެންސަރ ބަލީގެ ފަރުވާ ބޭނުންވެފައިތިބި ފަރާތްތަކަށް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހޯދައިދިނުމަކީ އައިޖީއެމްއެޗްގެ މުހިންމު ލަނޑުދަނޑިއެއް." ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވިއެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތަކުގެ ތެރޭގައި ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށް އެހީވުމާއި، ބީއެމްއެލް ފެހި ޕްރޮޖެކްޓް، އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް ކައިންޑްލީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީކުރުމަށް އެހީވުން، ސްމޯލް ގްރާންޓްސް، ހައުސިންގ ގްރާންޓް، ބީއެމްއެލް ސްޓާރޓަޕް ގްރާންޓް، ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން އަދި ބީއެމްއެލް ސްކޮލާޝިޕް ފަންޑު ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!