ބީއެމްއެލް އިންޓާންޝިޕްގެ ދަސްވެނިވުން ބާއްވައިފި
ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގުރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
މިރޭ ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިދިޔަ ދެ އަހަރު އެ ޕްރޮގްރާމް ފުރިހަމަ ކުރި 30 ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.
ބީއެމްއެލް އިން ބުނީ 12 މަސް ދުވަހަށް ބަހާލާފައިވާ މި އިންޓާރންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖްރިބާ ލިބުމުގެ އިތުރުން ބީއެމްއެލްއިން ނުވަތަ މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މި މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާއިރު މި ޕްރޮގާރާމްގައި ބައިވެރިވެ ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށް ވެސް އިރުޝާދު ދޭނެ ހާއްސަ މުވައްޒަފެއް ވަނީ ކަނޑައަޅާފަ އެވެ.
މި ޕްރޮގްރާމުގެ ބައިވެރިންނަށް ދެވޭ އިނާޔަތަކީ ރާއްޖޭގައި އިންޓާރންޝިޕް ޕްރޮގްރާމަކަށް ދެވޭ އެންމެ ރަނގަޅު އިނާޔަތެވެ. އިންޓަރންޝިޕް މުއްދަތުގައި ވަޒީފާއަށް ބޭނުންވާ ހުނަރު ދަސްކޮށްދީ އަދި ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގައި ދާއިމީ ވަޒީފާއެއް ހޯދުމުގެ ފަހި ފުރުސަތެއް ބައިވެރިންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ، ޢާއިޝަތު ނޫރައްދީން ވިދާޅުވީ މި ޕްރޮގްރާމް މެދުވެރިކޮށް ތައުލީމް ފޯރުކޯށްދޭ އިދަރާތަކުން ދަސްވެނިވާ ދަރިވަރުންނަށް ވަޒީފާއަށް ބޭނުންވާ ތަޖުރިބާ ހޯދައިދެވޭ ކަމަށެވެ. އަދި މި ޕްރޮގްރާމްގައި މިހާތަނަށް ބައިވެރިވެ ނިންމި ފަރާތްތަކުގެ ތެރެއިން %80 އަށް ވުރެ ގިނަ ބައިވެރިންނަށް ބީއެމްއެލް އާއި އެހެނިހެން މުވައްސަސާތަކުން ދާއިމީ ވަޒީފާ ލިބިފައިވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.
"އަޅުގަނޑުމެން ކުރިއަށް އޮތްތާނގައިވެސް ހުނަރުވެރި ގާބިލް މުވައްޒަފުން ވަޒީފާގައި ދަމަހައްޓައި މުވައްޒަފުންނަށް ކުރިއެރުން ލިބޭނެހެން މަސައްކަތްކުރަމުންދާނަން." އޭނާ ވިދާޅުވި އެވެ.
ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްއިން އިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ވިދިވިދިގެން ހަތަރު ފަހަރަށް ބޭންކް އޮފް މޯލްޑިވްސް އަށް ވަނީ ލިބިފަ އެވެ.