ވިޔަފާރި

ބީއެމްއެލް އަށް އާ ސީއީއޯއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބޭންކް އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކްޓިވް އޮފިސަރގެ މަގާމަށް ކާރލް ސްޓުމްކަ އައްޔަންކުރުމަށް ނިންމައިފިއެވެ.

Ads by Sosun Fihaara

ބީއެމްއެލް އިން ބުނީ ކާރލް އަކީ މެދުއިރުމައްޗާއި، އެފްރިކާގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި 36 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ.

އޭނާ ބޭންކް އޮފް މޯލްޑިވްސްއާ ގުޅިވަޑައިގަންނަވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގައި ހުންނެވުމަށްފަހުގަ އެވެ.

2010 ވަނަ އަހަރު އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެން އެބޭންކުގެ އިންޓަރނޭޝަނަލް ބޭންކިންގެ ޖެނެރަލް މެނޭޖަރގެ ގޮތުގައި އޭނާ ވަނީ ފުޅާދައިރާއެއްގައި ކޯޕަރޭޓް ޕޯޓްފޯލިއޯ ބަލަހައްޓަވާފަ އެވެ. މި މަގާމުގައި ހުންނެވުމަށްފަހު އެ ބޭންކުގެ ޔޫއޭއީގައި ހިންގަމުންދާ އޮޕަރޭޝަންސްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރުގަ އެވެ.

އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ކާރލް ހުންނެވީ ބަޙްރެއިންގައި ހުންނަ ބޭންކް މަސްކަޓް އިންޓަރނޭޝަނަލްގެ ރީޖަނަލް ކޯޕަރޭޓް ޑައިރެކްޓަރ މަގާމުގަ އެވެ. މި މަގާމުގައި އޭނާ ވަނީ އެ ބޭންކުގެ ކޯޕަރޭޓް، ކޮމާޝަލް، އެސްއެމްއީ އަދި އިސްލާމިކް ބޭންކިންގ ހިދުމަތްތައް ބަލަހައްޓަވާފައިވެއެވެ. އަދި ކާރލްވަނީ ބާރކްލޭސް ބޭންކް މޮރިޝަސްގެ ރީޖަނަލް މެނޭޖިންގ ޑަރިރެކްޓަރ، އިންޑިއަން އޯޝެންސްގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

ކާރލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލްގެ ހިންގުމާ ހަވާލުވީ ވަރަށް އުފަލާއެކު ކަމަށާއި ބޭންކުގެ ބޯޑާއި، އެގްޒެކްޓިވް މެނޭޖްމަންޓުގެ އިތުރުން މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ބޭންކުގެ ސްޓެރެޓެޖީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތްކުރަމުންދާނެ ކަމަށެވެ.

"ކުރާ ކޮންމެ ކަމެއްގައި އެންމެ މުހިންމު އިސްކަމެއްދޭނީ ކަސްޓަމަރުންނަށް. އީޖާދީ ބަދަލާއި އިތުރުފުރިހަމަކަމެއް ބޭންކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ގެނެސް ކަސްޓަމަރުން އުއްމީދުކުރާ ވަރަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަކީވެސް އަޅުގަނޑުމެންގެ އަމާޒު. ބީއެމްއެލް އަކީ ވަރަށްވެސް ކާމިޔާބު ތާރީހެއް އޮތް ބޭންކެއް. އަދި ބޭންކް އޮފް މޯލްޑިވްސް އާއި އެ ބޭންކުން ދިވެހި ރައްޔިތުންނަށް އެހީތެރިވުމަށް އަދާކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް އަޅުގަނޑު މިހިރީ ތައްޔާރަށް." އޭނާ ވިދާޅުވި އެވެ.

ކާރލް ވަނީ ބާރކްލޭސް ބޭންކް ޓެންޒޭނިއާގެ އެގްޒެކްޓިވް ޑައިރެކްޓަރޝިޕްގެ މަގާމު ފުރުއްވާފަ އެވެ. އަދި އެކި އިދާރާތަކުގައި ނޮން އެގްޒެކްޓިވް ޑައިރެކްޓަރޝިޕްގެ މަގާމުތައް އަދާކުރައްވާފައިވެއެވެ. މީގެ ތެރޭގައި މަނީ އޮން ޑިމާންޑް، ބާރކްލޭސް ލީސިންގ އަދި ބާރކްލޭސް ބޭންކް ސީޝެލްސް ހިމެނެ އެވެ.

ކާރލް އަކީ ޗާޓަރޑް އިންސްޓިޓިއުޓް އޮފް ބޭންކަރސްގެ (ސައުތު އެފްރިކާ) އެސޯސިއޭޓެކެވެ. އޭނާ ވަނީ ޔުނިވަރސިޓީ އޮފް ސައުތު އެފްރިކާއިން އެކައުންޓިންގ ސައިންސްގެ ރޮނގުން ބެޗެލަރސް ޑިގްރީ ހާސިލްކުރައްވާފަ އެވެ. ފްރާންސް، ސްވިޒަރލޭންޑް އަދި ސައުތު އެފްރިކާގައި އޭނާ ވަނީ އެގްޒެކްޓިވް ޕްރޮގްރާމްތައްވެސް ފުރިހަމަކުރައްވާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!