ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދާތާ 6 ދުވަސް, އަދިވެސް ނުފެނޭ

ހުޅުމާލެއިން ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާ އަދިވެސް ނުފެންނަކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އޮމަރް މިއަރ (27 އ) ވީނުވީއެއް ނޭނގި ގެއްލިގެން އޭނާ މަސައްކަތްކުރަމުންދިޔަ ކުންފުނިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނީ މި މަހުގެ 10 ގައެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދިވެސް ނުފެންނަ ކަމަށެވެ. ނަމަވެސް އޭނާ ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނާބެހޭ އިތުރު މަޢުލޫމާތެއް ނުދެއެވެ.
އެމްޑީ އޮމަރް މިއަރ އާބެހޭ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 1 ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.