ކުރިއަށްއޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެ، އުދައިގެ އަސަރުކުރުންވެސް އެކަށީގެންވޭ : މެޓް އޮފީސް

ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ.
އަދި ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މިދުވަސްވަރަކީ މޫސުން ގޯސްވެ ވައި ގަދަ ދުވަސްރެއްކަމަށްވާތީ، ސިނަމާލޭ ބްރިޖާއި ލިންކް ރޯޑް ބޭނުންކުރާ ފަރާތްތަކުންވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު މެންދުރު 1:15 އިން ފެށިގެން މިރޭ 7 ޖެހުމާ ހަމައަށް މެދުރާއްޖެތެރެއަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.
އެ އިދާރާއިން ބުނީ، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.