އިންޑިއާގައި ވަޒީފާ ނެތް މީހުންނަށް އަމާޒުކޮށް 1 މިލިޔަން ވަޒީފާގެ ފުރުސަތު ހުޅުވާލަނީ
އިންޑިއާގައި ވަޒީފާ ނެތް މީހުންނަށް އަމާޒުކޮށް 1 މިލިޔަން ވަޒީފާގެ ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށް އެ ޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އޮފީހުން ބުރާސްފަތި ދުވަހު ބުނީ، ވަޒީފާ ނެތް ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުންދާދަނޑިވަޅެއްގައި، 75،000 މީހުންނަށް ވަގުތުން ވަޒީފާ ދިނުމުން ފެށިގެން އެއް މިލިއަން މީހުންނަށް ސަރުކާރުގެ ވަޒީފާ ދިނުމަށް މި ހަފުތާ ބަންދުގައި ހަރަކާތެއް ފައްޓަވާނެ ކަމަށެވެ.
1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ގައުމުގައި ވަޒީފާނެތް މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. މިއީ އަންނަ މަހު ފަށާ ބައެއް ސްޓޭޓްތަކުގެ އިންތިހާބާ ދިމާކޮށް ކރަމުން އަންނަ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.
މޯދީގެ އޮފީހުން ބުނީ އަލަށް ރެކްރޫޓްކުރާ 75،000 މީހުން ސީނިއާޓީގެ އެކި ލެވެލްތަކުގައި ފެޑެރަލް ސަރުކާރުގެ 38 ވުޒާރާއެއް ނުވަތަ ޑިޕާޓްމަންޓަކާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.
"ބޮޑުވަޒީރުގެ އިރުޝާދާ އެއްގޮތަށް ހުރިހާ ވުޒާރާތަކާއި ޑިޕާޓްމަންޓްތަކުން ވެސް މަސައްކަތް ކުރަމުން ދަނީ ހުއްދަ ދީފައިވާ މަގާމުތަކުގެ ތެރެއިން މިހާރު ހުސްވެފައިވާ މަގާމުތައް ފުރުމަށް،" އެ ބަޔާނުގައިވެ އެވެ.
އޭގެ މާނައަކީ ސަރުކާރުގެ ޑިޕާޓްމަންޓްތަކުގައި އެއް މިލިއަން މަގާމު ހުސްވުން ކަމެއް ނުވަތަ ބައެއް ވަޒީފާތައް އުފެދިގެން ދާނެ ކަމެއް އަދި ސާފެއް ނުވެއެވެ.
އަމާޒަކީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ މަގާމުތައް ފުރުން ކަމަށް މޯދީ މިދިޔަ ޖޫން މަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.
ކޮވިޑް-19 ގެ ފުރަތަމަ މުޅި އަހަރު 2020 ވަނަ އަހަރު އިންޑިއާގައި ވަޒީފާ ނެތް މީހުންގެ އަދަދު 23.5 އިންސައްތައަށް އަރާފައިވާއިރު، ފިޔަވަޅުތަކަށް ލުއިދިނުމާއެކު، އެ އަދަދު ވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް މުމްބާއީގެ ސެންޓާ ފޯ މޮނިޓަރިން އިންޑިއަން އިކޮނޮމީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދުނިޔޭގެ އެވްރެޖަށް ވުރެ އެ އަދަދު ވަނީ ގާތްގަނޑަކަށް ހަތް ޕަސެންޓް މަތީގައި ހިފަހެއްޓިފައެވެ.
2014 ވަނަ އަހަރު މޯދީ ވެރިކަމަށް ވަޑައިގެންނެވީ އެތައް މިލިއަން ވަޒީފާއެއް އުފައްދަވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވެ.