ނިހާދުގެ ރައްދު ހަސަނަށް: ބަރުލަމާނީ ވަޒީރުކަން ނުލިބުމަކީ ސަރުކާރު ވައްޓާލަން ނިކުންނަން ޖެހޭ ސަބަބެއް ނޫން

ބަރުލަމާނީ ވަޒީރުކަން ނުލިބުމަކީ ސަރުކާރު ވައްޓާލަން ނިކުންނަން ޖެހޭ ސަބަބެއް ނޫން ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިފަދައިން ވިދާޅުވީ ސަރުކާރު ހިންގުމުގައި ތަކުރާރުކޮށް ކަންކަން މިސްމެނޭޖް ކުރަމުން ދިއުމާއި, ކުރަމުންދާ ބޭކާރު ޚަރަދުގެ ސަބަބުން ވަމުންދާ ގެއްލުން ފޫބެއްދުމަށް ރައްޔިތުން ދައްކަމުންދާ ޓެކްސް ކުއްލިއަކަށް ބޮޑުކޮށް ރައްޔިތުންނަށް އެބުރަ ޖެއްސުމަށް ނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށް މެމްބަރު ހަސަން ލަތީފް ވިދާޅުވުމާ ގުޅިގެންނެވެ.
މިވާހަކަތަކާ ގުޅިގެން ނިހާދު ވިދާޅުވީ ބަރުލަމާނީ ވަޒީރު ކަން ނުލިބުމަކީ ސަރުކާރު ވައްޓާލަން ނިކުންނަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އެންމެން މަސައްކަތް ކޮށްގެން ބަރުލަމާނީ ނިޒާމު ގެނެވޭނެ ކަމަށާއި އެ ފުރުސަތު އަދި އެބައޮތް ކަމަށް ނިހާދު ވިދާޅުވިއެވެ.
ނިހާދު މިފަދައިން ވިދާޅުވުމާ ގުޅިގެން ހަސަން ލަތީފް ވަނީ މަޖިލީހަށް ކަމާގުޅޭ ފަރާތްތަކުން ވަޑައިގެން ޓެކްސް ބޮޑުކުރަން ޖެހޭ ސަބަބާއި މިވަގުތު ޓެކްސް ނުނަގާ އެ އާމްދަނީ އިތުރު ނުކުރެވޭނެކަން ކިޔާދިނުމަކީ ސަރުކާރު ވެއްޓޭނެ ކަމެއްތޯ ސުވާލުއުފައްދަވާފައެވެ.