ޤާނޫނީ ފަންނުގެ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ތަސްދީގު ކުރައްވައިފިއެވެ.
ރައީސް މިއަދު މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން ޤާނޫނީ ފަންނުގެ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ.
ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނެސްފައިވާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ބާ ކައުންސިލްގެ ބަޖެޓާއި، މާލީ ކަންކަން ބަލަހައްޓާނެ ގޮތް ކަނޑައަޅައި ބަޔާން ކުރުން ހިމެނެއެވެ. އަދި ޤާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދި ހުށައަޅާ ފަރާތްތަކުން ފުރިހަަމަކުރަންޖެހޭ ތަމްރީން ޕްރޮގްރާމާ ގުޅޭ އިސްލާހުތައް ހިމެނެއެވެ. ހަމައެހެންމެ ޤާނޫނީ ވަކީލުންގެ ސުލޫކީ މައްސަަލަތައް ބެލުމުގައި ބާ ކައުންސިލުން ޢަމަލުކުރާނެ ގޮތްތައް ކަނޑައެޅުން ވެސް ހިމެނެއެވެ.
އެ ގޮތުން ޤާނޫނީ ވަކީލު ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ޢަމަލަކީ ޤާނޫނީ ފަންނުގެ އަސާސްތަކާއި ޢަދުލު އިންސާފު ގާއިމުކުރުމުގެ ހަމަތައް ނެގެހެއްޓުމަށްޓަކައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އޭނާ ތަބާވާންޖެހޭ ހަމަތަކާއި އުސޫލުތަކާ ޚިލާފު، ޤާނޫނީ ފަންނުގެ ދާއިރާގެ އިތުބާރު ގެއްލޭފަދަ ޢަމަލެއް ކަމުގައިވާނަމަ, ބާ ކައުންސިލުގެ އަމިއްލަ އިސްނެގުމުގައިވެސް އެ ކައުންސިލަށް އެ މައްސަލައެއް ބެލިދާނެއެވެ.
މި ބިލު ތަސްދީގު ކުރުމާއެކު މިހާރު ޤާނޫނީ ވަކީލު ކަމުގެ ވަގުތީ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ބާ އިމްތިހާނު ނުހަދައި ޤާނޫނީ ވަކީލު ކަމުގެ ދާއިމީ ހުއްދަ ލިބުމުގެ މަގު ވަނީ ފަހިވެގެން ގޮސްފައެވެ.