ބްރިޖް ޕްލެޓްފޯމް ފަރަށް އެރި ވާހަކަ އެފްކޮންސް އިން ދޮގުކޮށްފި

ވިލިމާލެ ބްރިޖްގެ މަސައްކަތް ކުރަމުން އަންނަ ބްރިޖް ޕްލެޓްފޯމް އަނެއްކާ ވެސް ފަރަށް އަރާފައިވާ ކަމަށް ބުނެ އިއްޔެ މީސްމީޑިއާގައި ދައުރުވި ވާހަކަ އެ މަސައްކަތް ކުރަމުން އަންނަ އެފްކޮންސް ކުންފުނިން ދޮގުކޮށްފިއެވެ.
އިއްޔެ ސޯޝަލް މީޑިއާއާއި ބައެއް ނޫސްތަކުން ވަނީ އަނެއްކާވެސް ޕްލެޓްފޯމް ފަރަށް އެރި ކަމަށް ބުނެ ޚަބަރު ފަތުރާފައެވެ. އަދި ވިލިގިލި ކައިރީގައި ޕްލެޓްފޯމް އޮންނަ ވީޑިއޯއެއްވެސް ދައުރުވިއެވެ.
އެފްކޮންސްއިން ބުނީ ވިލިގިލީ ކައިރިއަށް އިއްޔެ ޕްލެޓްފޯމް ދިޔަ ކަމަށާއި ނަމަވެސް އެއީ ސާވޭއެއް ހެދުމަށް ދިޔަ ދިއުމެއް ކަމަށެވެ. އަދި ޕްލެޓްފޯމް ފަރަށް އެރި ވާހަކަ ވަނީ ދޮގުކޮށްފައެވެ.
މީގެ ކުރިން އޮގަސްޓް މަހުގެ 16 ވަނަ ދުވަހު ބްރިޖް ޕްލެޓްފޯމް ވަނީ ފަރަށް އަރާފައެވެ.
ތިލަ މާލޭ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގާ އުމްރާނީ އެންމެ ބޮޑު މަޝްރޫއުއެވެ. މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނަކާއި، 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.