ހޯދުނު ގޮތަކުން ފައިސާ ހޯދަން ހިތްވަރު ދިނުމަށްވުރެ ބޮޑު ނުބައެއް އެ ޤައުމަކަށް ނޯންނާނެ ކަމަށާއި, އެންމެ ބޮޑު ކޮރަޕްޝަނަކީ ކޮރަޕްޝަނަށް ރުހުންކަމަށް ރައީސް އބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022 ގައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދައުރެއް ބަދަލުވެ ވެރިކަން ފުރޮޅުނަސް އެ އަންނަ ކުއްލި ބަދަލާއެކު ހުރިހާކަމެއް ވަގުތުން ރަނގަޅުވެ އިސްލާހުވެގެން ނުދާ ކަމަށެވެ. އަދި ކަންކަމަށް ހުޅުވިފައި ހުންނަ ދޮރުތަކާއި ވެފައި އޮންނަ ޒަމާންވީ އާދަ ހަމަ އެ ވަގުތު ބަދަލެއް ވެސް ނުވާ ކަމަށެެވެ. އަދި ވަކިން ޚާއްސަކޮށް ކަމެއް މާ ގިނަ ދުވަހު ދެމި އާދައަކަށްވުމުން ނުރަނގަޅު އޮންނަނީ ރަނގަޅެއްގެ ގޮތުގައި ބެލެވިފައި ކަމަށާއި ގޯސް އޮންނަނީ އެއްގޯސްވެފައިކަމަށް ރައީސް ވިދާޅުވިއެވެ.
''ކޮރަޕްޝަނާއި ފަސާދައާއި ނާޖާއިޒު ފައިދާ ނެގުމަކީ ދައުލަތުގެތެރޭގައި އިންތިޒާމުވެފައި އޮންނަ ރީތިކަމެއްގެ ގޮތުގައި ވެރިން ދެކި އެ ނަމޫނާ ދެއްކުމަށްވުރެ ބޮޑު ގޯހެއް އެއްވެސް ޤައުމަކަށް ނޯންނާނެ. ހޯދުނު ގޮތަކުން ފައިސާ ހޯދުމަކީ ޖާއިޒުކަމެއްގެ ގޮތުގައި ގަބޫލުކޮށް އެކަމަށް ހިތްވަރު ދިނުމަށްވުރެ ބޮޑު ނުބައެއް އެ ޤައުމަކަށް ނޯންނާނެ. އެންމެ ބޮޑު ކޮރަޕްޝަނަކީ ކޮރަޕްޝަނަށް ރުހުން.''
ރައީސް ވިދާޅުވީ ކޮރަޕްޝަނަކީ މުޅި ދުނިޔެއަށް ފެތުރިފައި އޮތް ހައްލުކުރަން ދަތި ބޮޑު މައްސަލައެއް ކަމަށާއި, ބޮޑު ބައްޔެއް ކަމަށެވެ.
''އެހެން ނަމަވެސް މި ބައްޔަށް ވެސް ފަރުވާއެއް އޮތްކަމަށްވޭ. އެއީ ޓްރާންސްޕޭރެންސީ. ހާމަކުރުން. ދެފުށް ފެންނަ ގޮތަށް ކަންތައްތައް ކުރުން.''
''ކޮރަޕްޝަން ނައްތައިލުމަށް އެންމެ ފުރަތަމަ ދެނެގަންނަންޖެހޭނީ އެކަން ކުރާ ސަބަބު. އަދި ކޮރަޕްޝަންގެ އަމަލުތައް ރާވައި ހިންގާ ގޮތާއި ދައުލަތުގެ ނިޒާމުގެތެރޭގައި އެކަން ހަރުލާފައި އޮތް ގޮތާއި މިންވަރު. ދުނިޔޭގެ އެކި ޤައުމުތަކުގެ ދިރާސާތަކުން ދައްކާ ގޮތުގައި ދޭދޭ ވިޔަފާރިތަކުގައި ވެސް ކޮރަޕްޝަން އެބަ ހިނގާ.''
ރައީސް ވިދާޅުވީ ދައުލަތުގެ ހިންގުމުގެ ތެރޭގައި އޮތް ތިން ބާރުގެ ތެރޭގައި ވެސް ކޮރަޕްޝަން އެބަ ހިނގާ ކަމަށެވެ. ސަރުކާރުގެ މުއައްސަސާތަކާއި ޝަރްޢީ ދާއިރާގައި ވެސް ކޮރަޕްޝަން އެބަ ހިނގާ ކަމަށާއި, ސިއްހީ ދާއިރާގައާއި ކުޅިވަރު ދާއިރާގައި ވެސް އެކަން އޮތީ އެހެން ކަމަށެވެ.
މި ނުރައްކާތެރި މައްސަލައިން މިންޖުވުމަށްޓަކައި ކުރަންޖެހޭ ކަމަކީ ސަރުކާރާއި ވިޔަފާރިވެރިންނާއި ސިވިލް ސޮސައިޓީތަކާއި އެކުގައި އެއް ތަނެއްގައި ތިބެ މަސައްކަތް ކުރުންކަމަށް ރައީސް ވިދާޅުވިއެވެ.