އެމްޑީޕީގައި ޕީޕީއެމް ފެކްޝަނެއް އެބައޮތް: ރޮޒައިނާ

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގައި އިދިކޮޅު ޕީޕީއެމްގެ ފެކްޝަނެއް އެބައޮތް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މިއަދު ރޮޒައިނާ ވިދާޅުވީ، އެމްޑީޕީގައި ޕީޕީއެމް ފެކްޝަނެއް އެބައޮތްކަމަށާއި، އެފެކްޝަނުން ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕީޕީއެމްއާއެކު މަސައްކަތް ކުރާ ކަމަށެވެ. އަދި އެކަމަކީ މިހާރު ފޮރުވެން އޮތް ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
"ޕީޕީއެމް މެމްބަރުންލައްވާ ސަރުކާރާ ދެކޮޅަށް އިސްލާހުތަށް ހުށައަޅުއްވަނީ ކޮންބޭފުޅެއްކަން އިއްޔެގެ މަޖިލިސް ބަލާލިމީހަކަށްވެސް ސާފުވާނެ" ރޮޒައިނާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި ޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅި އިސްލާޙްގައި އިއްޔެ މަޖިލީހުގައި 12 މެންބަރަކު ވަނީ ދެކޮޅަށް ވޯޓް ދެއްވާފައެވެ. އޭގެ އިތުރުން ޗާގޯސްގެ މައްސަލައިގައި ވެސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވަނީ ސަރުކާރަށް ފާޑު ކިޔާފައެވެ.