ދާންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް މަގާމުން ވަކިކުރުމަށް ނިންމައިފި

ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ލުއައްޔު
އިބްރާހީމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީން މި ގޮތަށް ނިންމީ މެޖިސްޓްރޭޓް ލުއައްޔުއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅުނު 22 މައްސަލައެއް ތަޙްޤީޤު ކުރުމަށްފަހު, އޭގެތެރެއިން ދެ މައްސަލައިގައި އޭނާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަން ސާބިތުވުމުންނެވެ.
އެއް މައްސަލައަކީ ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކާމެދު އޭނާ ޖިންސީ ގޯނާގެ އަމަލެއް ހިންގި މައްސަލައެވެ. ޖޭއެސްސީން ބުނީ އެ މައްސަލަ ސާބިތުވާ ކަމަށެވެ.
ދެވަނަ މައްސަލައަކީ ކޯޓުގެ ރަސްމީ ގަޑީގައާއި, އެ ނޫން ވެސް ވަގުތުތަކުގައި އޭނާ ވިޔަފާރީގައި ޢަމަލީ ގޮތުން ހަރަކާތްތެރިވެފައިވާކަމާއި, މި މައްސަލާގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވަން މަސައްކަތްކުރިކަން ސާބިތުވި މައްސަލައެވެ.
ޖޭއެސްސީން ބުނީ ލުއައްޔު އިބްރާހީމްގެ މައްޗަށް ސާބިތުވި ކަންކަމަކީ ފަނޑިޔާރުންގެ ޤާނޫނާއި, ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލުތަކަކަށްވާތީ އޭނާ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަ ކަމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.