ދުނިޔެ

ލޯނު ލުއިކޮށްދެން އެދެން ޕާކިސްތާނުގެ ރައީސް ޗައިނާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ޗައިނާގެ ލީޑަރުންނާ ބައްދަލުކުރައްވާ ޕާކިސްތާނުގެ އިޤްތިޞާދާއި ބެހޭ ގޮތުން ޗައިނާއެކު މަޝްވަރާ ކުރެއްވުމަށް ބެއިޖިންއަށް ވަޑައިގެންފިއެވެ.

Ads by WAMCO

ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕީއީސީ)ގެ ދަށުން ޗައިނާއިން ޕާކިސްތާނުގައި 65 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ވަނީ ިންމާފައެވެ. އެއީ ޗައިނާގެ ރައީސް ރައީސް ޝީ ޖިންޕިންގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރުއައި) ގެ ދަށުން ކުރިއަށް ގެންދާ އިންވެސްޓްމަންޓެކެވެ.

އިސްލާމްއާބާދާއި ބެއިޖިންއަކީ ޒަމާނުއްސުރެ ގާތް އެކުވެރިންގެ ގޮތުގައި ބެލެވިފައިވާ ދެ ގައުމު ކަމެވެ. ޝަރީފްގެ މި ދަތުރުފުޅުގައި ސަލާމަތީ ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ އޭޕްރީލް މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭރު ޤައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ބެއިޖިންގައި ދެ ދުވަހުގެ މުއްދަތެއްގައި މަޑު ކުރައްވާފައެވެެ. ބެއިޖިންއަށް ކުރައްވާ ދަތުރުފުޅުގައި ޝަރީފް، ޗައިނާގެ ދަރަނީގެ ލުޔެއް ހޯއްދަވައިދެއްވުމަށް ވެސް އެދިވަޑައިގަންނަވާނެ ކަމަށް ބޮޑުވަޒީރާއެކު ދަތުރުކުރައްވާ ބޭފުޅަކު ރޮއިޓާސްއަށް ވިދާޅުވިއެވެ.

ޕާކިސްތާނުން މިއަހަރު ތެރޭ އަދާކުރަން ޖެހޭ، 27 ބިލިއަން ޑޮލަރުގެ ދަރަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޗައިނާގެ ލޯނުތަކެވެ. އެއީ ގާތްގަނޑަކަށް 23 ބިލިޔަން ޑޮލަރެވެ.

ޝަރީފް ވެގެންދާނީ ރައީސް ޝީއަށް ތިންވަނަ ދައުރެއް ލިބިވަޑައިގެންނެވި ފަހުން އެންމެ ފުރަތަމަ ރައީސް ޝީއާ ބައްދަލުކުރައްވާ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅަށެވެ.

ހޫނު މޫސުމުގައި ޕާކިސްތާނަށް ފެންބޮޑުވުމުގެ ކުރިންވެސް ލޯނު ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، ޕާކިސްތާނަށް ފެންބޮޑުވުމުގެ ސަބަބުން 30 ބިލިއަން ޑޮލަރު ނުވަތަ އެއަށްވުރެ ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.

"ޗައިނާގެ ލީޑަޝިޕާއެކު އަޅުގަނޑު ގެ މަޝްވަރާތަކުގައި ސީޕީއީސީ އަލުން ދިރުވައި އާލާކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ،" ޝަރީފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ޝީ އާއި ޗައިނާގެ އެހެނިހެން ވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.

ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ވެރިކަމުގައި ސީޕީއީސީގެ މަޝްރޫއު މަޑުޖެހިފައިވާ ކަމަށް ޝަރީފްގެ ސަރުކާރުން ތުހުމަތު ކުރާ އިރު، އިމްރާން ޚާން ވަނީ އެކަން ދޮގުކޮށްފައެވެ.

ޝަރީފްގެ ވަފުދުގައި ފިނޭންސް އަދި އެނާޖީ މިނިސްޓަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ޕާކިސްތާނުގެ މަރުކަޒީ ބޭންކުގެ ރިޒާވް 7.4 ބިލިއަން ޑޮލަރަށް ދަށަށް ގޮސްފައިވާއިރު، މިއީ ދޮޅު މަހެއްހާ ދުވަހުގެ އިމްޕޯޓަށް އެކަށީގެންވާ މިންވަރެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!