ޚަބަރު

ހުޅުމާލޭގައި ހަދާ ބައެއް ފްލެޓްތައް މެއި މަހަށް ނިމޭނެ: ހައުސިން މިނިސްޓްރީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މި ސަރުކާރުން ހުޅުމާލޭގައި ހަދަމުން އަންނަ ޓަވަރެއް. ފޮޓޯ/މިހާރު

މި ސަރުކާރުން އަޅާ ފްލެޓްތައް އަންނަ އަހަރުގެ މޭމަހުން ފަށައިގެން ހަވާލުކުރަން ފެށޭވަރުވާނޭކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

މާލެ ސަރަހައްދުގައި މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ ބައެއް މަސައްކަތްތައް ހައުސިން މިނިސްޓްރީގެ ފަރާތުން ވަނީ މިއަދު ދުވަހު ނޫސްވެރިންނަށް ދައްކާލާފައެވެ.

މިގޮތުން އެޗްޑީސީން އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެކި ފަންތިތަކުގެ ބޯހިޔާވަހިކަމުގެ މަސައްކަތްތަކާއި، ސަރުކާރުން ހިންގާ ސޯޝަލް ހައުސިންގެ މަސައްކަތްތަކާބެހޭ ފަހުގެ މައުލޫމާތުތައް މިނިސްޓްރީން ވަނީ ތަފްސީލުކޮށްދީފައެވެ.

މިނިސްޓްރީން ދިން މައުލޫމާތު ޝީޓުގައިވާ ގޮތުން އެކި ކުންފުނިތަކާ ހަވާލުކޮށްގެން ސަރުކާރުން މާލެ ސަރަހައްދުގައި މިހާރު 6،175 ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެ ތެރެއިން 4،000 ފްލެޓަކީ މި ސަރުކާރުން އިއުލާންކޮށްފައިވާ "ގެދޮވެރިޔާ" ސްކީމްގެ ދަށުން ދޫކުރާ ތަންތަނެވެ. އެ ހުރިހާ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށާފައި ވާއިރު، އަމަލީ މަސައްކަތް ނުފެށި ވަނީ ވަރަށް މަދު ޕްލެޓެއްގެއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ ދެ ކުންފުންޏަކާއި ހަވާލުކޮށްގެނެވެ. އެއީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއިން ތަރައްޤީކުރާ 2000 ޔުނިޓް އަދި އެންބީސީސީއާ ހަވާލުކޮށްފައިވާ 2000 ޔުނިޓެވެ.

އެ އިވެންޓަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީން ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ، މި ސަރުކާރުން ކުންފުނިތަކާ ހަވާލުކޮށްގެން މާލެ އާއި ހުޅުމާލޭގައި 54 ޓަވަރެއް ހެދުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

އަދި މިއިން ކޮންމެ ޓަވަރެއްގައި 100 އަށްވުރެ ގިނަ ހައުސިން ޔުނިޓު ހުންނަ ކަމަށް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުރިހާ ފަންތިއެއްގެ މީހުންނަށްވެސް ގަނެވޭ ފެންވަރުގެ ތަންތަން ގާއިމުކުރުން ކަމަށެވެ. އެގޮތުން ބައެއް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތަކަކީ އެ މަޝްރޫއުތަކުގެ އަގު ކޮންޓްރޯލްކޮށް ފުރަތަމަ ފަހަރަށް ގެ ގަންނަން ބޭނުންވާ ފަރާތްތަަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތައް ކަމަށެވެ.

އާރިފް އިތުރަށް ވިދާޅުވީ މި ދައުރު ނިމުމުގެ ކުރިން ބައެއް ޓަވަރުތަކުގެ މަސައްކަތް ނިމޭނެ ކަމަށެވެ. އަންނަ އަހަރުގެ މެއި މަހާ ހަމައަށް ދާއިރު ބައެއް ޓަވަރުތަކަށް މީހުންނަށް ވަދެވޭނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރުން ދީފައިވާކަމަށެވެ. އަދި 2024 ގެ ތެރޭގައި މި މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެކަމަށް ކޮންޓްރެކްޓަރުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!