މިއަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން!

މިއަހަރު މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް 1،354،828 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި ނިމިދިޔަ އޮކްޓޯބަރު މަހު 153،737 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ. އެންމެ ގިނަ ފަތުރުވެރިން މިއަހަރު އައިސްފައިވަނީ ވެސް އޮކްޓޯބަރު މަހުއެވެ.
މިއަހަރު އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދަނީ ރަޝިއާ އަދި އިންޑީއާ މާކެޓުންނެވެ. އެގޮތުން މިދިޔަ ހަފްތާގެ ބުދަ ދުވަހާއި ހަމައަށް 191،525 ފަތުރުވެރިއަކު އިންޑިއާއިން ރާއްޖެ އައިސްފައިވެއެވެ. މިއީ މާކެޓުގެ 14.1 އިންސައްތަ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައި ރަޝިއާ މާކެޓުން އައިސްފައިވަނީ 166،250 ފަތުރުވެރިންނެވެ. މިއީ ޖުމްލަ މާކެޓުގެ 12.3 އިންސައްތައެވެ.