ދުނިޔެ

ފުރާނަ ދުއްވައިލުމަށް ދިން ހަމަލާގެ ފަހަތުގައި ވަނީ ސަރުކާރު: އިމްރާން

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން--

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަވަހާރަކޮށްލަން ދިން ހަމަލާގެ ފަހަތުގައި ހުންނެވީ މިހާރުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފު ކަމަށް އޭނާ ތުހުމަތު ކުރައްވައިފިއެވެ.

Ads by Sosun Fihaara

ހުކުރު ދުވަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިމްރާން ވިދާޅުވީ މިދިޔަ އޭޕްރީލް މަހު އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ފަހު އޭނާގެ ބަދަލުގައި ބޮޑުވަޒީރުކަމަށް އައްޔަން ކުރެއްވި ޝެހެބާޒް ޝަރީފުގެ އިތުރުން ދާޚިލީ ވަޒީރު ރަނާ  އާއި އަސްކަރިއްޔާގެ އިސް ކޮމާންޑަރެއްވެސް، އޭނާ އަވަހާރަ ކޮށްލުމަށް ދިން ހަމަލާ ރޭވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

"މި ތިން މީހުން ނިންމީ އަހަރެން މަރާލަން." ބުރާސްފަތި ދުވަހު އަމާޒުވި ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް އާންމުކޮށް ދެއްކެވި ވާހަކަފުޅުގައި އިމްރާން ވިދާޅުވީ އެކަމުގައި ހަތިޔާރު އެޅި ދެ މީހަކުވެސް ހިމެނޭ ކަމަށެވެ.

ނަމަވެސް ޕާކިސްތާނު ސަރުކާރުން ވަނީ އިމްރާނަށް ދިން ހަމަލާގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ވިދާޅުވެ، މިއީ ދީނީ ގޮތުން ހައްދުފަހަނައަޅައި ގޮސްފައިވާ ފަރާތަކުން ދިން ހަމަލާއެއްކަން ހާމަކުރައްވައިފައެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ މީޑިއާ ވިންގުންވެސް ވަނީ، އިމްރާންގެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް އަދި ޒިންމާދާރުކަން ކުޑަ ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ އިންޓަރ ސާވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) އިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ މައްސަލަ ތަޙުޤީޤުކޮށް، އެއްވެސް ހެއްކެއް ނެތި އެ މުއައްސަސާއަށާއި އެ މުއައްސަސާގެ އޮފިޝަލުންނަށް ދޮގު ތުހުމަތު ކުރާ ފަރާތްތަކާމެދުގައި ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

އިމްރާނަށް ބަޑިން ހަމަލާދީފައިވަނީ ޕާކިސްތާންގެ ލާހޯރްގައި ބޭއްވި އެއްވުމެއްގެ ތެރެއިންނެވެ. ބަޑީގެ ހަމަލާ އަމާޒުވެފައިވަނީ އިމްރާންގެ ފައިގެ އެކި ތަންތަނަށެވެ. އެގޮތުން އިމްރާންގެ ފަޔަށް ހަތަރު ވަޒަން އަރާފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!