ރައީސްގެ މަރުޙަބާ މޫސައަށް; މިއީ ލިބުނު ހިތްވަރެއް

އެމްޑީޕީގެ ޗެއަރޕާސަންކަން ކުރެއްވި, ރީކޯ މޫސަ މަނިކު, މިރޭ އެމްޑީޕީއަށް އަލުން ގުޅިވަޑައިގަތުމުން, އެމްޑީޕީގެ އިސް ލީޑަރު, ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް މަރުޙަބާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީއާ ރީކޯ ގުޅިވަޑައިގެން ސޮއި ކުރެއްވި ފޯމު ހަވާލުކުރައްވައިފައި ވަނީ މިހާރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއެވެ.
ޕާޓީއަށް ގުޅިވަޑައިގަތް ފޯމް ހުށަހެޅުއްވި ފޮޓީ ޓްވިޓަރގައި ހިއްސާ ކުރައްވަމުން ރައީސް ވަނީ މަރުޙަބާ ދަންނަވާފައެެވެ.
”އެމްޑީޕީއަށް ގިނަ ޚިދުމަތެއްކޮށްދީފައިވަނީ, ކުރީގެ ޗެއަރޕާސަން މޫސަ, މި ޕާޓީއާ ގުޅި ވަޑައިގަތުމަކީ, މި ޕާޓީއަށާއި އަޅުގަނޑުމެން އެންމެނަށް ލިބުނު ހިތްވަރެއް, މޫސައަކީ އަބަދު ވެސް އިސްލާޙަށް މަސައްކަތް ކުރައްވާ ބޭފުޅެއް. އެމްޑީޕީއަށް މަރުޙަބާ” ރައީސް ސޯލިޙް ވިދާޅުވިއެވެ.
ރައީސް އާއްމު ކުރެއްވި ފޮޓޯގައި ރައީސް ޞާލިޙްގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ފެނެއެވެ. އަދި ފޮރިން މިނިސްޓަރ ޝާހިދުވެސް ހުންނެވިތައް ފެނެއެވެ.
ރީކޯ މޫސަ އެމްޑީޕީން ވަކިކުރީ 2014 ވަނަ އަހަރުތެރޭ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީގެ ވިޕްލައިނާ ޚިލާފްވި މައްސަލައިގައެވެ. އެމްޑީޕީން ވަކިކުރުމުން މޫސަ ދެން ގުޅުނީ އޭރު ވެރިކަމުގައި އޮތް ޕީޕީއެމްއާއެވެ.