ދުނިޔެ

ޕާކިސްތާނުގެ ހިނގާލުން އަނެއްކާ ވެސް ފަށަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން އިސްކޮށް ހުންނަވައިގެން ކުރައްމުން ގެންދަވާ މުޒާހަރާތައް އަލުން ފަށަން ތައްޔާރުވެއްޖެއެވެ.

Ads by WAMCO

ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕާކިސްތާނުގެ މިނިވަން ހިނގާލުން އަންނަ ބުރާސްފަތި ދުވަހު މެންދުރު ފަހު 1:00 ގައި ވަޒީރާބާދު އަލާވާލޭ ޗޯކުން ފަށާނެ ކަމަށެވެ.

މި ހިނގާލުން އެންމެ ފަހުން ބާއްވާފައިވަނީ ވެސް މި ސަރަހައްދުގައެވެ. އެންމެ ފަހުގެ ހިނގާލުމުގެ ތެރެއިން އިމްރާން ޚާން ގަޔަށް ވަނީ ބަޑީގެ ހަމަލާއެއް ދީފައެވެ. ހަމަލާ އަމާޒުވެފައިވަނީ އޭނާގެ ފަޔަށެވެ.

ޖިއޯ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަވަހާރަކޮށްލަން އުޅުނު ކަމުގެ ފަސްޓް އިންފޮމޭޝަން ރިޕޯޓް (އެފްއައިއާރު) ހޯމަ ދުވަހު ރަޖިސްޓްރީކުރީ އެ ގައުމުގެ އެންމެ މަތީ ކޯޓުން ޕަންޖާބު ފުލުހުންނަށް 24 ގަޑިއިރުގެ އަލްޓިމެޓަމް ދިނުމުންނެވެ.

މީގެ ކުރިން ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ ޕަންޖާބު ފުލުހުންގެ އައިޖީ ފައިސަލް ޝަހްކަރް އަށް ޕީޓީއައިގެ ވެރިޔާއަށް ދިން ބަޑީގެ ހަމަލާގެ އެފްއައިއާރު ހުށަހަޅަން އަމުރެއް ނެރެފައެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި ރިޕޯޓެއް ހުށަހަޅަން ވެސް ވަނީ އަންގާފައެވެ.

މި މުޒާހަރާތަކަކީ ޕާކިސްތާނުގައި އަވަސް އިންތިޚާބަކަށް ގޮވާލާ ބާއްވަމުން އަންނަ މުޒާހަރާތަކެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!