ޚަބަރު

އަލިފާނުގެ ހާދިސާ: ހުޅުގަނޑު ފެތުރެން ނެގީ އެންމެ ދޮޅު މިނެޓު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މ.ނިރުފެހި ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާނުގެ ހުޅުގަނޑު ފެތުރެން ނެގީ ގާތްގަނޑަކަށް ދޮޅު މިނެޓެއްހާއިރު ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ނިރުފެހި ގޭގައި ހިނި އަލިފާނުގެ ހާދިސާއާ ގުޅޭ މަޢުލޫމާތު ދެއްވުމަށް ފުލުހުން ވަނީ މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައިފައެވެ. އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވިއިރު، މީހުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ފުލުހުންނާއި ސިފައިން ގުޅިގެން ކުރި ކަމަށް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓަރ އޮފް ޕޮލިސް، މުހައްމަދު ސާމިހު ވަނީ ވިދާޅުވެފައެެވެ.

އޭނާ ވިދާޅުވި ގޮތުގައި، ނިރުފެހި ގޭގައި އަލިފާން ރޯވިއިރު، 24 މީހުން އެވަގުތު އެ ގޭގައި ތިއްބެވެ.

މިގޮތުން ފަޔަރ އެންޑް ރެސްކިޔު ސަރވިސަސްއިން ކުރި މަސައްކަތުން، ދިރި ހުރިކަން ފާހަގަ ކުރެވުނު ދެ މީހުން ވަގުތުން ހޮސްޕިޓަލަށް ގެންދެވުނުކަން ސާމިހު ފާހަގަކުރެއްވިއެވެ.

އައިޖީއެމްއެޗަށް ގެންދެވުނު އެކަކު މަރުވިއިރު، އަނެއް މީހާއަށް އަދިވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

"އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ކުއްލިއަކަށް ބާރު އަޑުފައްގަނޑާއެއްކޮށް، ގަރާޖުގެ ތެރެއިން ހުޅު ފަޅައިގެން ގޮސްގެންކަން ފާހަގަކުރެވޭ. އަދި އަލިފާން ރޯވުމާއެއްކޮށް، އަލިފާނުގެ ހުޅުގަނޑު އިމާރާތުގެ އެހެން ބައިތަކަށް ފެތުރިގެންގޮސް، މުޅި އިމާރާތް އަނދައިގެން ގޮސްފައިވާކަން ފާހަގަކޮށްލަން." ސާމިހު ވިދާޅުވިއެވެ.

ފުލުހުންގެ ތަހުގީގަށް ފާހަގަކުރެއްވުނު ކަންކަން ފާހަގަކުރައްވަމުން ސާމިހު ވިދާޅުވީ ނިރުފެހި ގޭގައި ގަރާޖު ހިންގަމުން ދިޔައީ ގަވައިދާ ހިލާފަށް ކަަމަށެވެ. ނިރުފެހި ގޭގެ ގަރާޖުގައި މިއަހަރުގެ މެއިމަހުގެ ފަސް ވަނަ ދުވަހުވެސް އަލިފާން ރޯވިއެވެ. ފުލުހުން އޭރުވެސް ވަނީ އެ މައްސަލަ ބަލައިފައެވެ.

އަލިފާނުގެ ހާދިސާގައި މަރުވީ ބަންގްލަދޭޝްގެ ދެ ރައްޔިތަކާއި އިންޑިއާގެ އަށް މީހުންނެވެ. ސާމިހު ވިދާޅުވީ މަރުވި މީހުންގެ ތެރެއިން، އިންޑިއާއަށް ނިސްބަތްވާ ތިން މީހެއްގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރެވިފައިވާ ކަމަށެވެ. އަދި އިތުރު ތިން މީހެއްގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މި ހާދިސާ، ވަރަށް ހާއްސަ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަކަން ފުލުުހުން މިއަދު ވަނީ ފާހަަގަ ކުރައްވައިފައެވެ.

 

Ads by Ooredoo
  1. މުހަންމަދު

    އަލިފާން ނިއްވުން ދޯދިޔާވީމަ 10 މީހުން މަރުވީ…..ނިއުސް ކޮންފަރެންސް ބާއްވައިގެން ދޮގުނަހަދާ…..