ޚަބަރު ރައްޔިތުންގެ މަޖިލިސް

ޗާގޯސް މައްސަލަ: ސިޔާސަތު ބަދަލުުކުރީ ނުފޫޒަކާހުރެތޯ ބަލަން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ރާއްޖެއިން ގަބޫލުކުރީ އެއްވެސް ފަރާތެއްގެ ނުފޫޒަކާހުރެތޯ ކަށަވަރުކުރަން ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު ތަޅުމުން މިއަދު ބޭރުކޮށްލައިފިއެވެ.

Ads by MWSC

ރާއްޖޭގެ ޚާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދުގައި ފުށުއެރުންތަކެއް ހުރިކަމަށް ބުނެ ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް މޮރިޝަސްގެ ފަރާތުން ވަނީ ރާއްޖެއާ ދެކޮޅަށް މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލައިގައި މިދިޔަ މަހުގެ 20 ވަނަ ދުވަހު ބައިނަލްއަގްވާމީ ޓްރައިބިއުނަލުގައި ކުރިއަށްދިޔަ އަޑުއެހުމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްޢަތު ވަނީ, މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ރާއްޖެއިން ގަބޫލުކޮށް, މިދިޔަ އޮގަސްޓު 22 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ޞާލިޙް ސިޓީއެއް ފޮނުއްވާފައިވާކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ނާޒިމް ހުށަހެޅުއްވި ގަރާރުގައި ވަނީ 2010 އިން ފެށިގެން ޗާގޯސް މައްސަލައިގައި ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތު ބަދަލުކޮށްފައިވާކަމަށް ބެލެވޭނެ ކަންކަން ހިނގާފައިވާ ކަމަށާއި ކުއްލިއަކަށް ސިޔާސަތަށް މި އައި ބަދަލުގައި ފުށުއެރުންތަކެއް ހުރިކަމަށެވެ.

އެ ގޮތުން ނާޒިމްގެ ގަރާރުގައި އެދިވަޑައިގަތީ ސްޓޭންޑަށް ބަދަލެއް އައިސްފައިވޭތޯ ބަދަލެއް އައިސްފައިވާނަމަ އެއީ ކީއްވެތޯއާއި އެކަން ކޮށްފައިވަނީ ޤާނޫނީ އިމުގެތެރެެއިންތޯ ސާފުކޮށްދިނުމަށެވެ. އަދި މި ނިންމުން ނިންމުމުގައި އެއްވެސް ފައިސާއެއް ނުވަތަ އެ ނޫން ވެސް ނުފޫޒެއް ފޯރާފައިވޭތޯ ސާފުކުރުމަށެވެ.

އެހެންވެ ނާޒިމް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ކޮމިޓީއަކުން އެ ކަންކަން ބަލައިދިނުމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ 30 މެންބަރުންނެވެ. ބިލު ބަލައިނުގަތުމަށް 42 މެންބަރަކު ވަނީ ވޯޓު ދެއްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!