ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމާ ދެކޮޅަށް އިދިކޮޅު އިއްތިހާދުން މިއަދު ކުރި އިހުތިޖާޖުގެ ތެރެއިން 3 މީހަކު ހައްޔަރުކޮށްފިއެވެ.
އަންނަ އަހަރުން ފެށިގެން ޖީއެސްޓީ %6 އިން %8 އަށް އަދި ޓީޖީއެސްޓީ %8 އިން %16 އަށް ބޮޑު ކުރުމަށް ރައްޔިތުން މަޖިލީހުގެ މުޅި ކޮމިޓީން ފާސްކުރީ މިދިޔަ މަހުގެ 31 ގައެވެ.
އެކަމާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީން މިއަދު އިހުތިޖާޖުކުރީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިހުތިޖާޖުގެ ތެރެއިން 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޓެކްސް ބޮޑުކުރުމާ ދެކޮޅަށް އިދިކޮޅު އިއްތިހާދުން އިއްޔެ ވެސް އިހުތިޖާޖު ކުރިއެވެ. އެ އިހުތިޖާޖުގެ ތެރެއިން ވެސް 3 މީހަކު ހައްޔަރުކުރިއެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށަހެޅުއްވި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާ ކުރުމަށްފަހު ނިންމީ އެއަށް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައްޔާއި މިއަދުގެ ޖަލްސާގައި ވެސް އެ ބިލަށް ވޯޓަށް އަހާފައެއް ނުވެއެވެ. އެ ބިލަށް ވޯޓަށް އަހާފައިނުވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާ މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެ ގޮތުން އެ މެންބަރުން މިއަދު ވަނީ ރައީސާ ބައްދަލު ކުރެއްވުމަށް މުލިއާގެއަށް ވެސް ވަޑައިގެންފައެވެ.