ހުޅުމާލޭގައި ހަދަމުންދާ މެޑިކަލް ވެއަރ ހައުސް އަންނަ އަހަރުގެ މާޗުމަހަށް ނިންމައިލެވޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިއަދު ދެއްކެވި ވާހަކައިގައި އަމްރު ވިދާޅުވީ ފާމަސީތަކަށް ބޭސްދޫކުރުމުގައި އުނދަގޫތަކެއް އެބަހުރި ކަމަށާއި އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ހުޅުމާލޭގައި ހަދަމުންދާ މެޑިކަލް ވެއަރ ހައުސް އަންނަ އަހަރުގެ މާޗުމަހަށް ނިންމައިލެވޭނެ ކަމަށެވެ.
ފާމަސީތަކަށް ބޭސްދޫކުރުމުގައި ވެސް އުނދަގޫތަކެއް އެބަހުރި. ކުރިން ހުރީ ތިން ފާމަސީއެއް. ހުއްޓާ 2015 ގަ 189 ފާމަސީ ހުޅުވުނު. އޭރު ވެސް މާލޭގަ ހުރި ގުދަންތައް ހުރީ އެކި ތަންތަނުގަ އެކި ވަރަށް.. އެ ގޮތަށް ބޭސްތައް ލައިގެން މި އުޅެނީ. އެހެންވީމަ ވަރަށް އުނދަގޫ ހުރިހާ ރަށަކަށް ބޭސްތައް ފޯރުކޮށްދޭން. ހުޅުމާލޭގައި ބޮޑު މެޑިކަލް ވެއާ ހައުސްއެއް އެބަ ހަދާ. މި އަންނަ އަހަރު މާޗު ހިސާބަށް އެ މަސައްކަތް ނިންމައިލެވޭނެ.
އަމްރު ވިދާޅުވީ އެ ތަނުން އޭރުން ހުރިހާ ބޭހެއް ރާއްޖޭގެ ހުރިހާ ރަށަކަށް ފޮނުވޭނެ ގޮތަށް ހަމަޖެހިގެންދާނެ ކަމަށާއި އޭރުން ވަރަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން އަމްރު ވިދާޅުވީ 2015 ގަ ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭސް ފިހާރަތައް ހުޅުވިއިރުގައި ރަނގަޅު އިންފްރާސްޓްރަކްޗައެއް ނެތް ކަމަށެވެ.
ބައެއް ތަންތަނުގަ އެބަހުރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އޮފީހެއްގަ އިންނަ ކޮޓަރިއެއްގަ ވެސް ބޭސްފިހާރަ ހުޅުވާފަ. ނުވަތަ އަލަމާރިއެއް ވެސް އެބަހުރި ބައެއް ތަންތަނުގަ. ދެން އެކަހަލަ ގޮތަކަށް ހުޅުވާފަ ހުރީ. ދެން ޖެހޭނީ އަނެއްކާ ވެސް އެ ރަނގަޅު ކުރަންތާ.
އެހެންކަމުން އެ ގޮތަށް ހުރި ހުރިހާ ފާމަސީތަކެއް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި މި އަންނަ އަހަރު ވެސް 50 ފާމަސީއަކަށް ރަނގަޅު ބަދަލު ގެންނާނެކަމަށް އަމްރު ވިދާޅުވިއެވެ.