ދީން

އުމުރުން ދުވަސްވީ މީހަކު ކުރަމުން އައި ދުޢާ އިޖާބަކުރެއްވި އާދަޔާ ޚިލާފު ގޮތް!

ދެން އެމްވީ ، ދެން އޮންލައިން

މިއީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް އޭނާގެ ދަރުހެއްގައި ކިޔާދެއްވާފައިވާ ވާހަކައެކެވެ.

Ads by MWSC

"އެއް ޒަމާނެއްގައި އުޅުނު ޝެއިޚެކެވެ. އެޝެއިޚާ ދިމާވި ޕާކިސްތާނުގެ ޑޮކްޓަރަކު އޭނާއަށް ކިޔައިދެއްވި ވާހަކައެކެވެ. އެޑޮކްޓަރަކީ ނާރުގެ ބަލިތަކަށް ޚާއްސަ ވަރަށް ނަން މަޝްހޫރު ޑޮކްޓަރެކެވެ. އޭނާގެ އެޕޮއިންޓްމެންޓެއް ވެސް ލިބެނީ ވަރަށް އުނދަގުލުން އަދި އެހާމެ ގިނަ ދުވަހުންނެވެ.

އެ ޑޮކްޓަރު ޝެއިޚަށް ކިޔައިދިނެވެ. އެއް ސިޓީއިން އަނެއް ސިޓީއަށް އޭނާ ދަތުރު ކުރަމުން ދިޔައެވެ. ބަލިމީހުން ބެލުމަށެވެ. އޭނާ އަބަދުމެ އުޅެނީ ވަރަށް ވެސް ބުރަކޮށެވެ.

އެއްފަހަރު އެހެން ކުރި ދަތުރެކެވެ. މަތިންދާ ބޯޓުގައި އެ ޑޮކްޓަރު އިންދާ ކުއްލިއަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވި ކަމަށާއި، ބޯކޮށް ވާރޭ ވެހި ވިދާ ގުގުރިކަމަށް ވެސް ބުންޏެވެ. އެހެންކަމުން ދަތުރު އިތުރަށް ކުރިއަށް ނުގެންދެވިގެންނާއި ބޯޓަށް ވެސް ގެއްލުމެއް ލިބިގެން، އެހިސާބުން ޕައިލެޓުން ނިންމީ އެއިރު ތިބިތަނަށް ޖެއްސުމަށެވެ.

އެމީހުން ޖެއްސީ ކުޑަ އަވަށަކަށެވެ. އެ ތަނުގައި އެވަރަށް މީހުންނެއް ވެސް ނެތެވެ. އެހެންކަމުން ޑޮކްޓަރު ޕައިލެޓު ކައިރީގައި އެތަނުގައި މަޑުކުރާނީ ކިހައިއިރެއް ވަންދެންތޯ އެއްސެވެ.

ޕައިލެޓު ބުނީ ވަރަށް ގިނައިރު ވާނެ ކަމަށެވެ. ޑޮކްޓަރު ދާން ބޭނުންވާ ތަނަށް އަވަހަށް ދާންޖެހޭ ކަމަށް ބުނުމުން ޕައިލެޓު ބުނީ ޑޮކްޓަރު ދާން ބޭނުންވާ ތަނަށް އެންމެ ތިން ގަޑިއިރުން ދެވިދާނެ ކަމަށާއި ވެހިކަލެއްގައި ދިޔުމަށެވެ.

އެހެންކަމުން އެޑޮކްޓަރު އެތަނުން ވެހިކަލަކަށް އަރައިގެން އޭނާގެ މަންޒިލަށް ވާސިލުވެވޭތޯ ދަތުރުފެށިއެވެ.

ނަމަވެސް އެއިރު ވެސް ވަރަށް ބޯކޮށް ވާރޭ ވެހި ވިދާ ގުގުރައެވެ.

މަގުތަކުގައި ކިސަނޑު ހެދުމުގެ ސަބަބުން އެ ވެހިކަލަށް ވެސް މާދުރަކަށް ނުދެވުނެވެ. އެހެންކަމުން ވެހިކަލް ދުއްވަން އިން ޑްރައިވަރު އެޑޮކްޓަރު ކައިރީ ބުނީ އިތުރަށް ކުރިއަށް ދެވޭނެހެން ހީނުވާ ކަމަށާއި، އެތާ ކައިރީގައި ކުޑަ ގެއެއް ހުރި ކަމަށެވެ. އަދި ބޭނުމިއްޔާ އެތަނުގައި މަޑުކޮށް ނަމާދު ވެސް ކޮށްލެވިދާނެ ކަމަށެވެ.

ޑޮކްޓަރަށް ވެސް އެއީ ރަނގަޅު ޚިޔާލެއް ކަމަށް ވިސްނި، އެ ގެއާ ދިމާލަށް އޭނާގެ ސާމާނު ހިފައިގެން މިސްރާބު ޖެހިއެވެ. އެ ގެއާ ހަމައަށް ދެވުމުން ދޮރުގައި ޓަކި ޖަހައިލުމުން ދޮރު ހުޅުވީ އުމުރުން ވަރަށް ދުވަސްވީ އަންހެނެކެވެ.

އެ ޑޮކްޓަރު އެ އަންހެންމީހާ ކައިރީގައި ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. އަދި އޭނާ ނަމާދު ވަގުތު ޖެހުމުން ނަމާދު ކޮށްލެވެން ދެން އެ ގޭގައި މަޑު ކުރެވިދާނެތޯ ސުވާލު ކުރިއެވެ.

އެ ގެއަށް ނަޒަރު ހިންގާލުމުން ޑޮކްޓަރަށް ފެނުނީ ތަޅުންގަނޑުގައި އަޅައިފައިވާ މުސައްލައަކާއި، މުސައްލަ ކައިރީގައި ހުރި ކުޑަ މޭޒެއް މަތިގައި އޮތް މުސްހަފެކެވެ. ކޮޓަރީގެ އެއް ފަރާތެއްގައި، އެނދެއްގެ މަތީގައި ކުޑަ ކުއްޖަކު ވެސް އޮތެވެ. އުމުރުން ދުވަސްވީ އަންހެން މީހާ އިރުއިރު ކޮޅުން އެކުއްޖާގެ ހާލު ބަލައިލައިފައި، މުސައްލަ މަތީގައި އިށީނދެ ދުޢާ ކުރަން ފަށައެވެ.

ޑޮކްޓަރާއި ވެހިކަލް ދުއްވަން އިން ޑްރައިވަރުން އެ ގެއިން ފަތިސް ނަމާދު ކުރުމަށް ފަހު، އެނބުރި ދަތުރައިގެން ދިޔުމުގެ ކުރިން އަންހެން މީހާއަށް ޝުކުރު އަދާކޮށް އެ ކުޑަކުއްޖާއަށް ވެފައި އޮތީ ކީއްތޯ ސުވާލު ކުރިއެވެ.

އަންހެންމީހާ ބުނީ އެކުއްޖާއަކީ ޔަތީމު ކުއްޖެއް ކަމަށާއި އެކުއްޖާގެ ހާލު ރަނގަޅު ނޫން ކަމަށާއި ވަރަށް ބަލި ކަމަށެވެ. އަދި ވަރަށް ގިނަ ޑޮކްޓަރުންނަށް ވެސް ދެއްކިއްޖެކަމަށް އަންހެން މީހާ ބުންޏެވެ. އަންހެން މީހާާއަކީ އެކުއްޖާގެ މާމަ ކަމަށާއި ޑޮކްޓަރުން ބުނެފައި ވަނީ އެ ކުއްޖާ ރަނގަޅު ކުރެވިދާނެ ކަމަށް ލަފާ ކުރެވެނީ އެންމެ ޑޮކްޓަރަކަށް ކަމަށެވެ.

އެއީ ވަރަށް ނަން މަޝްހޫރު ނިއުރޮލޮޖިސްޓެއްކަމަށާއި އޭނާއަށް ފަސޭހައިން އެޕޮއިންޓްމެންޓެއް ނުލިބޭ ކަމަށް ބުނި ކަމަށް ވެސް އަންހެން މީހާ ބުންޏެވެ. އަދި އެޕޮއިންޓްމަންޓެއް ހޯދަން ދިޔުމުން އެންމެ އަވަހަށް ވެސް ލިބޭނީ ހަމަސް ދުވަސް ފަހުން ކަމަށް ވެސް ބުންޏެވެ.

އޭގެ ފަހުން އެ އަންހެން މީހާ އަބަދުވެސް މާތް ﷲ ޙަޟްރަތުން ދުޢާ ދަންނަވާ ކަމަށާއި ދުޢާ ދަންނަވަނީ ކަންކަން ފަސޭހަ ކޮށްދެއްވުމަށާއި އެކުއްޖާ ބަލިވެ އުޅޭތީ އަވަސް ޝިފާއެއް ދެއްވުމަށް އެދި ކަމަށް ވެސް ބުންޏެވެ.

ޑޮކްޓަރު އެ އަންހެން މީހާ ބުނި ޑޮކްޓަރަށް ކިޔަނީ ކޮން ނަމެއްތޯ އެހުމުން އޭނާ ބުނީ، އެ ޑޮކްޓަރަށް ކިޔަނީ ޑރ. އިޝާން ކަމަށެވެ.

އެހެން ބުނުމުން ޑޮކްޓަރަށް ރޮވެން ފެށުނެވެ. އަންހެން މީހާ އެކަމާ ސުވާލު ކުރުމުން ޑޮކްޓަރު ބުނީ އެ އަންހެން މީހާގެ ދުޢާ އިޖާބަ ކުރައްވައިފި ކަމަށެވެ. އެ ދުޢާގެ ސަބަބުން މޫސުން ވެސް އެ ވަރަށް ގޯސްވެ ޑޮކްޓަރަށް ދާން އުޅުނު ތަނަށް ނުދެވި އެ ގެއާ ހަމައަށް މާތް ﷲގެ އިރާދަފުޅުން ޑޮކްޓަރު ގެނައީ ކަމަށް ބުންޏެވެ. އޭނާއަކީ ޑރ. އިޝާން ކަމަށް ބުނެ ޑޮކްޓަރު ބުނީ އެއީ އަންހެން މީހާ ކުރި ދުޢާގެ ސަބަބުން މާތް ﷲގެ އިރާދަފުޅާއެކު ދިމާވި ކަމެއް ކަމަށެވެ.

ޑޮކްޓަރު އެ އަންހެން މީހާގެ މާމަ ދަރިއަށް ފަރުވާ ކޮށްދެއްވީ ހިލޭ ސާބަހަށެވެ."

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!