ދީން

މިހައި އަސަރުގަދަ ވާހަކައެއް ކީމުތަ؟

ދެން އެމްވީ ، ދެން އޮންލައިން

މިއީ މަދީނާގައި ހިނގައި ދިޔަ ހާދިޘާއެކެވެ. މިއީ ސުހައިލާއާއި ފާރޫޤްގެ ވާހަކައެވެ. މި ދެމީހުން ވަރަށް ލޯބިން ކައިވެނިކޮށް އެކީގައި އުފާވެރި ދުވަސްތަކެއް ހޭދަކުރަމުން ދިޔައެވެ. އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. ބުނެވޭގޮތުގައި އެއީ އުމަރު ބުން އަބްދުލް ޢަޒީޒްގެ ޚިލާފަތުގެ ދުވަސްވަރެވެ. އެއީ އެއްވެސް ފަޤީރު މުސްލިމެއް ނެތް ޒަމާނެކެވެ. އެންމެހައި މުސްލިމުން ވަނީ ތަނަވަސްކަމުގައެވެ.

Ads by STELCO

ސުހައިލާއާއި ފާރޫޤްގެ ކައިވެނި އުވާވެރިކަމާ އެކު ތިން މަސް ވޭތުވެ ހިނގައްޖެއެވެ. މީސްތަކުންނަށް ޖިހާދަށް ގޮވައިލެވުނެވެ. ފާރޫޤު އޭނާގެ ލޯބިވާ އަނބިމީހާ ދޫކޮށް ދިއުމުގެ ވަޤުތު ޖެހިއްޖެއެވެ. އޭނާގެ ގޭގައި ތިންހާސް ދިރުހަމް ރައްކާކޮށްފައިވިއެވެ. އަދި ސުހައިލާއަށް އޭގެއިން ބައެއް އަތަށް ދެމުން ބުންޏެވެ. މިފައިސާއިން ތިންމަސް ހޭދަކޮށްލާށެވެ! ތިން މަސް ތެރޭގައި ﷲގެ ރަޙުމަތާ އެކު އަންނާނަމެވެ. އަދި ބާކީހުރި ފައިސާ ފާރޫޤް އަންނަންދެން ރައްކާކޮށްފައި ބެހެއްޓުމަށް އެދުނެވެ. އެއީ އަމާނާތެކެވެ.

ތިންމަސް ފާއިތުވެގެން ހިނގައްޖެއެވެ. ފާރޫޤް އެނބުރިއެއް ނައެވެ. އަހަރެއް ވެއްޖެއެވެ. ފާރޫޤްގެ ޚަބަރެއް ނުވިއެވެ. ސުހައިލާއަށް ފިރިހެން ދަރިޔަކު މިންވަރު ކުރައްވައިއިފިއެވެ. 2 އަހަރާއި ބައި ފާއިތުވެއްޖެއެވެ. ފާޜޫޤްގެ ހަބަރެއް ނުވެއެވެ. މީހަކު ހަނގުރާމައިން އެނބުރި އައިސް ފާޜޫޤް ޝަހީދުވެއްޖެކަމުގެ ޚަބަރުދީފިއެވެ. ފާރޫޤް އެނބުރި ނާންނާނެކަން ސުހައިލާއަށް އެނގުނެވެ. އަދި ފާޜޫޤް ރައްކާކޮށްފައި ބެހެއްޓި ދިރުހަމްގެ ޚަޒާނާ ނެގިއެވެ. ފާރޫޤްގެ ބަހަށް ކިޔަމަންތެރިކަމާ އެކު އެ ޚަޒާނާއަށް ރައްކާތެރިވުމުގައި އެ ދުވަހާ ހަމައަށް ދެމިހުއްޓެވެ. އެ ޒަމާނަށް ބަލާއިރު އެއީ ވަރަށް ގިނަ ފައިސާއެވެ.

30 އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. އޭނާގެ ދަރިފުޅު ބެލުމުގައި ދެމިހުއްޓެވެ. ކިޔެވުމަށާއި އެހެނިހެން ކަންކަމަށް ޚަރަދުކޮށް މި ދަރިފުޅު ބަލަނީ ސުހައިލާއެވެ. 30 އަހަރު ވީ އިރު ވެސް ސުހައިލާއަށް ފާރޫޤްގެ ހަނދާންތައް ނައްތައެއް ނުލެވެއެވެ. ﷲގެ މަގުގައި ޖިހާދުވި ވަރުގަދަ ޝަޙްސިއްޔަތެއްގެ ގޮތުގައި ދެކެމުންދެއެވެ. އޭނާ އިންތިހާއަށް ލޯބިވެއެވެ. ޖިހާދަށް ނިކުން އިރު ވެސް ދެ ފަހަރަށް ފަހަތަށް ބަލައިލިއެވެ. ސުހައިލާ ފާރޫޤް ދޮރުން ބޭރަށް ގެންދިއުމަށް ފަހު ބުންޏެވެ. ﷲއަށް ތިބާ ބިރުވެތި ނުވަނީ ހެއްޔެވެ؟ މި ތަނުން ދެން ބައްދަލު ނުވެއްޖެއްޔާ ސުވަރުގެއިން ބައްދަލުވުމަށް ދުޢާ ކުރާނަމެވެ. އިންޝާއަﷲ ސުވަރުގެއިން ބައްދަލުވާނަމެވެ. ސުހައިލާއަކީ ދީންވެރި ޞާލިހު އަނތްބެކެވެ. ފިރިމީހާ ގެއިން ނިކުންނަން ފަސްޖެހުމުން ނެރެ، ޖިހާދަށް ދިއުމަށް ހިތްވަރު ދިނީ ސުހައިލާއެވެ.

*****

30 އަހަރު ފާއިތުވެގެން ދިޔައިރު މަދީނާއާ ވަރަށް ދުރު އެހެން ތަނެއްގައި (ޞީނުކަރައިގެ ރަށް ބޭރުގައި) ހުރި މީހެއްގެ ހާލު ވެސް ހުރީ މި ފަދައިންނެވެ. އެއީ އެތަނުގައި ވެސް މުސްލިމުން އުޅެމުން ދިޔަ ޒަމާނެކެވެ. ޗައިނާގެ ބޯޑަރު ކައިރީގައެވެ.

ރޭގަނޑުގެ ވަގުތެވެ. އަލިފާންގަނޑެއް ޖަހައި އެތަނަށް އަލިކަން ވެރިވެފައި ހުއްޓެވެ. މުސްލިމް ހަނގުރާމަވެރިން ޗައިނާގެ ބޯޑަރު ކައިރީގައި ހަނގުރާމަ ކުރަމުން ދިޔައެވެ. އެމީހުންގެ ތެރެއިން މި ދެންނެވި މުޖާހިދު ފާލަމެއް މަތީ އޮތެވެ. އޭނާގެ މަސައްކަތަކީ ހަނގުރާމަވެރިން ނިދައިފައި ތިބޭ އިރު އެ ތަނަށް ފާރަވެރިވުމެވެ. އޭނާ ރޭގަނޑުގެ ރީތި ތަރިތަކަށް ބަލައިލިއެވެ. މާޒީގެ ޚިޔާލުތަކުގެ ތެރެއިން އޭނާގެ ލޯބިވާ އަނތްބެއް ވާކަމުގެ އިޙްސާސް ކުރެވުނެވެ. އޭނާ ކިހިނެތްތޯ، އަދި ކޮބައިތޯ، އެހެން މީހަކާ އިނީތޯ ނުވަތަ ދުނިޔޭގައި ހުރިތޯ ބަލާން ބޭނުންވިއެވެ. މި ޚިޔާލުތައް އޭނާއަށް އުނދަގޫ ކުރަމުން ދިޔައެވެ. 30 އަހަރު އޭނާ ﷲއަށް ޓަކައި ޖިހާދު ކުރަމުން ދިޔައެވެ. ޝަހީދެއް ނުވެއެވެ. 30 އަހަރު ހަނގުރާމަ ކުރަމުން އެ ދިޔައީ ފާރޫޤެވެ. ހަނގުރާމަ ކުރެވެމުން ދިޔައި ޞީނުކަރައިގެ ރަށްބޭރުގައެވެ. ޖިހާދުގެ ފޮނިމީރުކަން އޭނާ އެނބުރި ރަށަށް ދިއުމުން މަނާކުރިއެވެ. އުއްމަތް ދިފާއުކުރުމާއި ﷲއަށް ޓަކައި ފުރާނަ ދުއްވައިލުމަކީ އޭނާއަށް އެންމެ ލޮބުވެތިކަން ބޮޑު ޢަމަލު ކަމުގައިވިއެވެ. އެހެން ނަމަވެސް މިހާރު ގައިބާރު ދެރަވެ މުސްކުޅިވެއްޖެއެވެ. އަބަދު ”އަހަރެންގެ އަނބިމީހާ“ މިހެން ހިތަށް އަރައަރާ ހުރެއެވެ. އަނެއް ދުވަހު އިރު އެރުމާ އެކު ހަނގުރާމައިގެ ކޮމާންޑަރު ގާތަށް ދިޔައެވެ. މަދީނާއަށް ދިއުމުގެ ހުއްދަ ހޯދުމަށެވެ.

އަހަކަށް ސަވާރުވެ ޞީނުކަރައިން މަދީނާއަށް އެންމެ ބާރު ދުވެލީގައި ދަތުރު ފެށިއެވެ. މަދީނާއާ ކައިރިވާ ވަރަކަށް ހިތް ތެޅެމުންދެއެވެ. ”އޭނާ ދުނިޔޭގައި ހުންނާނެބާއެވެ؟ އެހެންމީހަކާ އިނީބާއެވެ؟“ މި ޚިޔާލުތަކުން ސިކުނޑި ހާސްވަމުން ދިޔައެވެ. މި ޚިޔާލުތަކުގައި މަދީނާއަށް އޭނާއަށް ދެވިއްޖެއެވެ. އަވަހަށް އަނބިމީހާ ގާތަށް ދިޔުމަށް ހިތް އެދެމުން ދިޔައެވެ. ނަމަވެސް ރަސޫލާ (صلي الله عليه وسلم)ގެ ސުންނަތުގައި ދަތުރަކުން އައިސް މިސްކިތަށް ފުރަތަމަ ދިއުން ސުންނަތްވެގެންވާކަން ހަނދާންވެ މަސްޖިދުއްނަބަވީއަށް ގޮސް ދެރަކުޢަތް ނަމާދެއް ކުރުމަށް ދިޔައެވެ. އެއީ އަޞްރު ވަގުތުކަމުން އަޞްރުކޮށްގެން ގެއަށް ދިއުމަށް ނިންމައި މިސްކިތުގައި މަޑުކޮށްލިއެވެ. މި މަޑުކޮށްލުމުގައި ޢިލްމުވެރިންގެ ގިނަވެފައި އިލްމުވެރިކަން ފާހަގަވެގެން ދިޔައެވެ. އޭގެ ތެރެއިން އެއް އިލްމުވެރިއެއް ވަކީން ބޮޑަށް ފާހަގަވިއެވެ. ޝެއިޚް އަބްދުއް ރަޙްމާނެވެ. މީހުން ޝެއިޚްގެ ގާތުގައި އެއްވެގެން ވަށައިލައިގެން ވިއެވެ.

އަޞްރު ނަމާދުގެ ބަންގި ގޮވައި ނަމާދުކޮށް ނިމިއްޖެއެވެ. ގެއަށްދާ ވަގުތު ޖެހިއްޖެއެވެ. ގެއާ ދިމާލަށް އެންމެ އަވަސް ފިޔަވަޅުގައި ދިޔައެވެ. ގެއަށް އާދެވިއްޖެއެވެ. އެހެން ފިރިހެނަކު ގެއަށް ވަންނަ މަންޒަރު އޭނާއަށް ފެނުނެވެ. މިއީ ކާކު ބާއޭ ހިތަށް އެރިއެވެ. ހިތް މޮޅިވެރިވެއްޖެއެވެ. ޣީރަތްތެރިވެއްޖެއެވެ. އެމީހާގެ އަތުގައި ހިފައިފައި ބުންޏެވެ. މިއީ އަހަރެންގެ ގެއެވެ. އެ ހިނދު އެ ދެމީހުންގެ މި މައްސަލަ ޒުވާބަކަށްވެ، އެހިސާބު މީހުން އެއްވެއްޖެއެވެ. ގޭތެރޭގައި އިން މުސްކުޅި އަންހެނާއަށް މި އަޑު އިވެން ފަށައިފިއެވެ. އެއީ ފާރޫޤަށް ވެދާނެބާއެވެ؟ ނޫނެކެވެ. މި ޚިޔާލުގައި އިނދެ ، ނިވައިވުމަށް ފަހު ނިކުތެވެ. އަދި ބާރު އަޑުން ބުންޏެވެ. މިއީ އަހަރެންގެ ފިރިމީހާ ފާރޫޤެވެ. އޭނާ ދޫކޮށްލާށެވެ! އޭނާ އެ އައީ 30 އަހަރު ވަންދެން ޖިހާދުކުރުމަށް ފަހުގައެވެ. ބަލަން ތިބި މީހުންނަށް ރޮވެން ފެށިއެވެ. އެ ދެމީހުން ގޭތެރެއަށް ވަނެވެ. އެކިއެކި ވާހަކަތައް ކިޔައިދިނެވެ. ހީސަމާސާކޮށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރިއެވެ. އުފާވެރިކަމުގެ ކަރުނަ ދެމީހުންގެ ލޮލުން ފޭދެމުން ދިޔައީ ވަކި މިނެއް ނެތިއެވެ.

ސުހައިލާ ބުންޏެވެ. އަހަރެން ދޫކޮށްފައި ދިޔައިރަށް ވުރެ ބޮޑަށް އަހަރެން މި ވަނީ މުސްކުޅިވެފައެވެ. ޒުވާން ރީތި މީހެއްކަމުގައި ކުރީން ވީމެވެ. ނަމަވެސް މިއަދު އެ ރީތިކަމެއް އަހަރެންގެ ނެތެވެ. ފާރޫޤް ބުންޏެވެ. އޭ ސުހައިލާއެވެ! ތިއީ މި ދުނިޔޭގައި އަންނަށް އެންމެ ރީތި އަންހެނާއެވެ. އަހަރެން އެންމެ ލޯބި ވަނީ ތިބާ ދެކެއެވެ. ދެމީހުން އެކުގައި ރޮއެ މާޒީގެ ވާހަކަތަކުން ހަނދާންކުރަމުން ދިޔައެވެ.

ކުއްލިއަކަށް ފާރޫޤް އޭނާ ދޫކޮށްދިޔަ ޚަޒާނާ މަތިން ހަނދާންވިއެވެ. އަދި ބުންޏެވެ. އޭ ސުހައިލާއެވެ! އަހަރެން ބެހެއްޓި ދިރުހަމްކޮޅު ކޮބައި ހެއްޔެވެ؟ ސުހައިލާ ބުންޏެވެ. ފާރޫޤްއެވެ. ސުވާލެއްކޮށްލަން ހެއްޔެވެ؟ ގެއަށް އައުމުގެ ކުރިން މިސްކިތަށް ޒިޔާރަތްކުރިން ހެއްޔެވެ؟ ދާނެކަން އެނގި ހުރެމެ، ސުހައިލާ މި ސުވާލު ކުރިއެވެ. އާނއެކެވެ. ޖަވާބުގައި ފާރޫޤް ބުންޏެވެ. އެއްވެސް ކަމެއް ފާހަގަވި ހެއްޔެވެ؟ ސުހައިލާ އަހައިލިއެވެ. ވަރަށް ގިނަ އިލްމުވެރިން އެތާ ތިއްބެވެ. ޒަމާން ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. އިސްލާމްދީން ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ސުހައިލާ އަނެއްކާ ވެސް އަހައިލިއެވެ. އެ ތަނުން އާދަޔާ ޚިލާފަށް ޢިލްމުވެރި މީހަކު ފާހަގަވި ހެއްޔެވެ؟ ފާރޫޤް އާނއެކޭ ބުންޏެވެ. އެފަދަ ޢިލްމެއް އުނގެނުމަށް ޓަކައި އެ މީހާއަށް ދޭނީ ކޮން އެއްޗެއްތޯ ސުވާލު ކުރިއެވެ. ޖަވާބުގައި ކޮންމެ ފަދަ އަގުބޮޑު އެއްޗެއް ވެސް ދީފާނެކަމަށް ފާރޫޤް ބުންޏެވެ. ރައްކާކޮށްފައި ބެހެއްޓި ދީނާރުތައް ވެސް ދީފާނަންތޯ ސުހައިލާ ސުވާލު ކޮށްލިއެވެ. އެއްވެސް ޖެހިލުމެއް ނެތި އާނއެކޭ ފާރޫޤް ބުންޏެވެ.

އެއީ ފާރޫޤްގެ ދަރިއެއް ނަމަ ބުނާނީ ކީކޭ ހެއްޔެވެ؟ ސުހައިލާ އަހައިލިއެވެ. އަދި އެއަށް ވުރެ ގިނައިން ފައިސާ ދޭނެކަމަށް ފާރޫޤް ބުންޏެވެ. ސުހައިލާ ފާރޫޤަށް ބުންޏެވެ. އެއީ ފާޜޫޤްގެ ދަރިއެވެ. އެއީ އަބްދުއްރަޙްމާނެވެ. އޭނާގެ ދަރިއަކީ މަދީނާގައި އޭރު ހުރި ބޮޑު ޢިލްމުވެރިޔެކެވެ. ސުހައިލާ ވަނީ އޭނާގެ ދަރިފުޅުގެ ކިޔެވުމަށް ޖެހުނު ކޮންމެ ޚަރަދެއް ކޮށްފައެވެ. ރައްކާކުރަން ފާރޫޤް ހަވާލުކުރި ދިރުހަމް ހޭދަކޮށްފައި ވަނީ އޭނާގެ ދަރިފުޅުގެ ކިޔެވުމަށެވެ.

ފާރޫޤް ބޭރަށް ނިކުމެ ގޮވަން ފެށިއެވެ. ޝެއިޚް އަބްދުއްރަހްމާނަކީ އަހަރެންގެ ދަރިއެވެ. އަހަރެންނަކީ ފާރޫޤެވެ. އަހަރެންގެ ދަރިފުޅު ކޮބައި ހެއްޔެވެ؟ އެތަނުން މީހަކު އައިސް ބުންޏެވެ. އަހަރެންނަކީ އަބްދުއްރަޙްމާނެވެ. އެއީ ގެއަށް ވަން އިރު އެމީހަކާ ޒުވާބުކޮށް އަރާރުންވި މީހާކަން އެނގުނެވެ. އޭނާގެ ދަރިފުޅު ގެއަށް ވަންނަނިކޮށް އެއްޗެހި ކިޔުމުން އެކަމާ ލަދުވެތިވިއެވެ. ދަރިފުޅުގައިގައި ބައްދައިލިއެވެ. އުފަލުން ރޮވުނެވެ. އަހަރެންގެ ދަރިފުޅަކީ އާދައިގެ ކުއްޖެއްނޫނެވެ. ޝެއިޚެކެވެ.

ވިސްނައިލަމާ ހެއްޔެވެ؟ އެފަދަ ޒަމާނެއްގައި ޢިލްމު ހާސިލްކޮށް އިސްލާމްދީން އުނގެނި މި ދީން މަތިވެރިކުރުމަށް ޖާނާއި މާލުން ޤުރުބާންވީ އިރު މިއަދު އަހަރެމެންނަށް އިސްލާމްދީނަށް ޓަކައި ކޮށްދެވެނީ ކޮން ޚިދުމަތެއްބާވައެވެ؟

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!