ދުނިޔެ

އެއާ އިންޑިއާއިން ފްލީޓް އާކޮށްލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓާޓާ ގްރޫޕުން ހިންގަމުން އަންނަ އެއާ އިންޑިއާ އިން އާ މަތިންދާ ބޯޓުތަކަށް އޯޑަރު ކުރުމާ ގުޅޭ ގޮތުން ބޮއިން އާއި އެއާބަސްއާ ވާހަކަ ދައްކަމުން އަންނަ ކަމަށް އެ އެއާލައިންގެ ޗީފް އެގްޒެކެޓިވް ވިދާޅުވިއެވެ.

Ads by Sosun Fihaara

އެ އެއަރލައިން އިން މަތިންދާ ގްރައުންޑް ކޮށްފައިވާ މަތިންދާ ބޯޓުތައް މަރާމާތުކޮށްގެން ނެރުމަށް ވަގުތު ނަގަމުންދާތީއާ މިހާރުގެ ފްލީޓްގައި ހުރި ފްލައިޓްތައް ބާވުމުން ކަމަށް މައުލޫމާތުދެއެވެ.

ޓާޓާ ކުންފުނިން އެއާ އިންޑިއާ ގަނެފައިވަނީ މިދިޔަ ޖެނުއަރީ މަހުއެވެ.

އެއާ އިންޑިއާ ގަތްއިރު، އެ ކުންފުނީގެ މުސްކުޅި ފްލީޓެއް އަޕްގްރޭޑްކޮށް، ކުންފުނީގެ މާލީ ކަންކަން ބަދަލުކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ވަރަށް ބޮޑު ތަކުލީފެއް ކުރިމަތިލާން ޖެހިފައިވާ ކަމަށް އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނެއެވެ.

މުމްބާއީގައި ބޭއްވި ޓާޓާ ކޯޕަރޭޓް އިވެންޓެއްގައި އެ އެއާލައިންގެ ޗީފް އެގްޒެކެޓިވް ކޭމްޕްބެލް ވިލްސަން ވިދާޅުވީ އެއާ އިންޑިއާގެ މެދު އަދި ދިގު މުއްދަތުގެ ކުރިއެރުމަށް ބާރު ދޭނެ އެންމެ ފަހުގެ ޖެނެރޭޝަންގެ މަތިންދާބޯޓުތަކުގެ ތާރީހީ އޯޑަރެއް ހޯދުމަށް ބޮއިން، އެއާބަސް އަދި އިންޖީނު އުފައްދާ ކުންފުނިތަކާއެކު  މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ވިލްސަން ވިދާޅުވީ އެއާ އިންޑިއާގެ ފްލީޓާއި ގްލޯބަލް ނެޓްވޯކް ފުޅާކުރުމުގެ ވިސްނުން ގެންގުޅެނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެތެރޭގެ އަދި ބައިނަލްއަގުވާމީ ރޫޓުތަކުގައި އެ ކުންފުނީގެ މާކެޓް ހިއްސާ 30 ޕަސެންޓަށް އިތުރުކުރުމަށް ކަމަށެވެ.

އިންޑަސްޓްރީގެ އަންދާޒާތައް ދައްކާ ގޮތުން މިވަގުތު އެއާ އިންޑިއާގެ ޑޮމެސްޓިކް މާކެޓް ހިއްސާ އަކީ ގާތްގަނޑަކަށް 10 ޕަސެންޓް އަދި ބައިނަލްއަގުވާމީ މާކެޓް ހިއްސާ އަކީ ގާތްގަނޑަކަށް 12 ޕަސެންޓެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!