ވޯލްޑްކަޕް މެޗްތައް ބެލުމަށް ބައެއް މަގުތައް ބަންދުކުރަނީ
ވޯލްޑްކަޕްގެ މެޗުތައް ބެލުމަށް މާލޭގެ ބައެއް ސަރަހައްދުތަކުގައި ސްކްރީންތައް ބަހައްޓާފައިވާތީ މާލެގެ ބައެއް މަގުތައް ބަންދު ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ ވޯލްޑްކަޕް އާއި ދިމާކޮށް މާލޭގެ އެކި އެކި ސަރަހައްދުތައް މެޗް ބެލުމުގެ ގޮތުން ބަންދު ކުރުމަށް އެދެމުންދާ ކަމަށެވެ. އަދި އެ ކައުންސިލުން މަގުތައް ބަންދުކުރަން ނިންމާފައިވާ ކަމަށާއި މިކަމުގައި އަމަލުކުރަމުން ދާނީ ވަކި އުސޫލެއްގެ މަތިން ކަމަށް ވިދާޅުވިއެވެ.
އެގޮތުން މެޗް ފެށުމުގެ 30 މިނިޓް ކުރިން ފެށިގެން މެޗް ނިމި، އިތުރު 30 މިނިޓާއި ހަމައަށް ކަމަށާއި މެޗް ނިމުމަށްފަހު ބަންދު ކުރެވިފައިވާ ސަރަހައްދު ދަތުރު ފަތުރު ކުރެވޭނެ ފަދަ ހާލަތަށް ގެނެސް ދެންވާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
މީގެ އިތުރުން މެޗު ފެށުމުގެ މާ ކުރިން ސަރަހައްދު ބަންދު ކޮށްގެން ނުވާނެ ކަމަށާއި ބަންދު ކުރުމަށް ހުއްދަދެވޭ ސަރަހައްދުތަކުގެ ލިސްޓް އެ ކައުންސިލްގެ ވެބްސައިޓް އަދި ޓްވީޓާއިން ހާމަކުރަމުން ދާނެ ކަމަށް ވިދާޅުވިއެވެ.