ޚަބަރު ސިޔާސީ

ހަށި ވިއްކުން ފަދަ ކަންކަން ޢާންމުވަމުންދާއިރު، ޝަރީޢަތަކަށް ނުފޫޒު ފޯރުވަން އުޅުމަކީ ދެރަވަރު ކަމެއް: ޖަމީލު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު--

ދިވެހިރާއްޖޭގައި ހަށި ވިއްކުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަތުން، ދިވެހިރާއްޖޭގައި އިތުރު ވެގެން ދިޔައިރު،  ފުލުހުން އެކަންކަމަަށް ސަމާލުކަން ނުދީ، ޕީީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ޝަރީޢަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް އެ މަނިކުފާނުގެ އިސް ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލު ތުހުމަތު ކުރައްވައިފިއެވެ.

ޑރ.ޖަމީލު ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ވަނީ ޤައުމުގައި އަމާންކަން ގެއްލި މީހުން މެރުން ޢާންމުވެ، ހަށި ވިއްކުންފަދަ ދީނާ ޚިލާފު އެތައްކަމެއް ފެތުރިފައިވާއިރު، ރައްޔިތުން އުޅެނީ ނޭވާ ނުލެވިގެން ކަމަށެވެ.

އަދި މިކަންކަމަށް ފުލުހުން ސަމާލުކަން ނުދޭކަމުގެ ޝަކުވާ އެބައޮތް ކަމުގައިވެސް ވިދާޅުވިއެވެ. ޤައުމުގެ ޙާލަތު މިހެން އޮތްއިރު، ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމަކީ "ދެރަވަރު" ކަމެއް ކަމުގައިވެސް ޖަމީލު ސިފަކުރެއްވިއެވެ.

މިހާރު ހިނގަމުން އަންނަ ވ.އާރަށު މައްސަލައިގައި ރައީސް ޔާމީންގެ ދިފާޢުން ދޮގު ހެކި ދިންކަމަށް ކަނޑައަޅައި، ފުލުހުންނަށް އަމުރު ކޮށްފިނަމަ، އެކަން ބަލާނެ ކަމަށް ފުލުުހުން ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަގައި އެ ރިޝްވަތުގެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާތަކުން ދިފާއުވުމަށް ޔާމީން ވަނީ ދިފާއީ ހެކީންގެ ގޮތުގައި އެމަނިކުފާނާ ގާތް ބައެއް ފަރާތްތައް ހެކީންގެ ގޮތުގައި ހުށަހަޅުއްވައިފައެވެ.

މި ހެކިތައް ނަފީ ކުރުމަށް ކަމަށް ބުނެ، ދަޢުލަތުގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓަށް ލިޔުންތަކެއް ހުށަހަޅުއްވައިފައެވެ. ދައުލަތާއި ދިފާޢުގެ ހެކިވެރީންގެ ހެކިބަސް ނަގައި ނިމިފައި ވަނިކޮށް ހުށަހެޅުއްވި ލިޔުންތައް ބަލައިގެންފައިވާއިރު، ރައީސް ޔާމީންގެ ވަކީލުން މިކަމާ ކަންބޮޑުވުންފާޅުކުރެއްވިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!