ކުޅިވަރު

ރޮނާލްޑޯ ދިއުމުން މެންޗެސްޓާ ޔުނައިޓެޑް ވިއްކާލަން ކްލަބްގެ ވެރިން ނިންމައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު ކްލަބް، މެންޗެސްޓާ ޔުނައިޓެޑް ވިއްކާލަން އެ ކްލަބުގެ ވެރިން ނިންމައިފިއެވެ.

Ads by MWSC

އެމެރިކާ އަށް ނިސްބަތްވާ ގްލޭޒާ އާއިލާ އިން 2005 ވަނަ އަހަރު ޔުނައިޓެޑް ގަތީ 790 މިލިއަން ޕައުންޑަށެވެ. އެ ކްލަބު ވިއްކާލުމަށް ގޮވާލާ ޔުނައިޓެޑްގެ ސަޕޯޓަރުން ފާއިތުވި އަހަރުތަކުގައި ވަަނީ ގިނަ އެއްވުންތައް ބާއްވާފައެވެ.

ގްލޭޒާ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ ޔުނައިޓެޑް ހިންގާނެ ގޮތުގެ އާ ސްޓްރެޓަޖީތަކެއް ހޯދުމަށް ބޯޑުން ނިންމާފައިވާ ކަމަށާއި އޭގެތެރޭގައި ކްލަބަށް އާ އިންވެސްޓްމެންޓްތައް ގެނައުން ނުވަތަ ކްލަބް ވިއްކާލުން ވެސް ހިމެނޭ ކަމަށެވެ. އެގޮތުން ނިންމާނީ ޔުނައިޓެޑާއި ކްލަބަށް އެންމެ ފައިދާ ހުރި ނިންމުމެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑްގެ ވެރިން މިހާރު ވަނީ ކްލަބު ވިއްކާލުމުގެ ކަންކަން ފެށުމަށް ކަމާ ގުޅުންހުރި ފަރާތްތަކަށް އަންގާފައެވެ.

މި މަރުހަލާ ކުރިއަށް ގެންދިޔުމުގައި ޔުނައިޓެޑަށް އެހީތެރިކަން ފޯރުކޮށްދޭނީ އެމެރިކާގެ އިންވެސްޓްމެންޓް ފާމެއް ކަމަށްވާ ރެއިން ގްރޫޕުންނެވެ. ރެއިން ގްރޫޕުން މީގެކުރިން ވަނީ ޕްރިމިއާ ލީގުގެ ކްލަބް ޗެލްސީ ވިއްކާލުމުގެ މަރުހަލާގައި އިސް ދައުރެއް އަދާކޮށްފައެވެ.

ޔުނައިޓެޑް ވިއްކާލަން ނިންމިއިރު 2013 ވަނަ އަހަރަށްފަހު އެ ކްލަބަށް ޕްރިމިއާ ލީގެއް ހޯދިފައެއް ނުވެ އެވެ. އަދި 2017 ވަނަ އަހަރަށްފަހު ޔުނައިޓެޑަށް މިހާތަނަށް އެއްވެސް ކާމިޔާބީއެއް ލިބިފައެއް ވެސް ނުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!