ކްރިމިނަލް ކޯޓުގެ ގާޒީ ޞަފްވަތުގެ ސުލޫކީ މައްސަލައެއް ބަލަނީ

ކްރިމިނަލް ކޯޓުގެ ގާޒީ ޞަފްވަތު ޙަބީބްގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވައިފިއެވެ.
ޖޭއެސްސީން މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ މައްސަލައެއްގައި ޚުލާސާ ބަޔާން ހުށަހަޅައި މައްސަލައިގެ އަޑުއެހުން ނިމިފައިވީ ނަމަވެސް ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން މައްސަލައިގެ ޙުކުމް ކުރުމުގެ މަޖިލިސް ބާއްވަވާފައި ނުވާ ކަމަށެވެ.
އެހެންވެ މި މައްސަލައާ ގުޅިގެން ގާޒީ ޞަފްވަތުގެ ސުލޫކީ މައްސަލައެއް ބަލަން އެ ކޮމިޝަންގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާފައިވާ ކޮމިޓީން ނިންމަވާފައިވާ ކަމަށެވެ.
އެ ގޮތުން މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 82 ވަނަ ޖަލްސާގައި މި މައްސަލަ ތަޙްޤީޤު ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.