ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިމޭއިރު ރައްޔިތުންނަށް ކަށަވަރުކޮށްދޭނީ ފަޤީރުކަން ކަމުގައި ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަތުން ބޮޑު ޓެކްސް ނަގަން ނަގައިގެން ސަރުކާރުން ކުރާ ބޮޑު ކަމަކީ ސިޔާސީ ޚަރަދު ކަމަށެވެ.
އަދި ރައީސް ޞާލިޙަކީ އެންމެ ގިނަ ސިޔާސީ މަޤާމް އުފެއްދަވައި، އެންމެ ގިނަ ދަތުރުގެ ރެކޯޑް އޮތް ވެރިޔާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އާ ޓެކްސްއާއެކު ސިޔާސީ މަޤާމުތަކުގެ ޢީދެއް އަތުވެއްޖެ.
ޖަމީލު ވިދާޅުވި ގޮތުން ރައީސް ޞާލިޙްގެ ވެރިކަން ނިމޭއިރު ރައްޔިތުންނަށް ކަށަވަރުކޮށްދޭނީ ފަޤީރުކަމެވެ.
ރައީސް ޞާލިޙް މިހާރު ވަނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީޤު ކުރައްވައިފައެވެ.
އެ ބިލަށް ގެނައި އިސްލާގެ މައިގަނޑު މަގުސަދަކީ ކޮވިޑާއި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން ދަޢުލަތުގެ ޚަރަދުތައް މަތިވެ ދަރަނި ބޮޑުވުމާއި ގުޅިގެން ދަރަނި ކުޑަކޮށް ފިސްކަލް ސަސްޓެއިނަބިލިޓީ ކަށަވަރުކުރުމާއި ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ދައުލަތުގެ އާމްދަނީ އިތުރުކުރުމެވެ.
އެގޮތުން އަންނަ ޖަނަވަރީ މަހުން ފެށިގެން ޖީއެސްޓީގެ ގޮތުގައި %8 އަދި ޓީޖީއެސްޓީގެ ގޮތުގައި %16 ނަގާނެއެވެ.