ސައްހަނޫން ޑޮލަރުން ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރި ދެ މީހަކު ހައްޔަރުކޮށްފި

ސައްހަނޫން ޑޮލަރުން ވިޔަފާރީގެ މުއާމަލާތް ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭ ގެ ވަގުތެއްގައި ހުޅުމާލެއިންނެވެ.
ފުލުހުން ވިދާޅުވީ އެ އޮޕަރޭޝަނުގައި، 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެއް ހުޅުމާލެ މަގުމަތިން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދެ މީހުންނަށްވެސް ދީފައިވެއެވެ.
އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މި މައްސަލަ ގެންދަނީ ތަހުގީގުކުރަމުންނެވެ.