ދުނިޔެ

މުމްބާއީ 26/11 ޓެރަރިޓް ހަމަލާއަށް 14 އަހަރު

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

މިއަދަކީ 26 ނޮވެމްބަރު 2008 ގައި އިންޑިއާގެ މުމްބާއީއަށް ދިން ޓެރަރިސްޓް ހަމަލާއަށް 14 އަހަރު ފުރޭ ދުވަހެވެ. އެއީ ހަތިޔާރު ހިފައިގެން ތިބި 10 ހަނގުރާމަވެރިން ހަމަލާތަކެވެ. މި ހަމަލާތައް 26 ނޮވެމްބަރުން ފެށިގެން 29 ނޮވެމްބަރާ ހަމައަށް ކުރިޔަށް ގެންދިޔައެވެ.

Ads by Sosun Fihaara

26 ނޮވެމްބަރުން 29 ނޮވެމްބަރަށް ހިނގާ ދިޔަ ކަންތައް

ޕާކިސްތާނުގެ ލަކްޝަރެ ތައިބާ ކިޔާ ޓެރަރިސްޓު ޖަމާއަތަކަށް ނިސްބަތްވާ މި މީހުުން އޮޓޮމެޓިކު ރައިފަލްއާއި، ހޭންޑް ގްރެނޭޑް ބޭނުން ކޮށްގެން އާންމު އެތަކެއް ރައްޔިތުން މަރާލާފައިވެއެވެ. އެމީހުން ހަމަލާ ދިން ތަންތަނުގެ ތެރޭގައި ހިމެނޭ ބައެއް ތަންތަނަކީ ޗަތްރަޕަތީ ޝިވާޖީ ރެއިލްވޭ ސްޓޭޝަނާއި، ލިއޮޕޯލްޑް ކެފޭ އާއި، 2 ހޮސްޕިޓަލަކާއި އަދި ތިއޭޓަރަކެވެ.

މި ތަންތަނަށް ދިން ހަމަލާތައް 26 ނޮވެމްބަރު ދުވަހުގައި ނިމުނުކަމުގައި ވިޔަސް، ޓެރަރިސްޓުން ވަނީ ނަރީމާން ހައުސް، އޮބެރޯއީ ހޮޓެލް އަދި ތާޖް މަހަލް ހޮޓެލުން މީހުން ހިސޯރުކޮށް ހިފަހައްޓާފައެވެ.

އެގޮތުން ނަރީމާން ހޮޓެލްގައި 28 ނޮވެމްބަރުގެ ހެނދުނުގައި ހަމަލާތައް ނިމުނުއިރު 6 ހޮސްޓޭޖަކާއި، 2 ޓެރަރިސްޓުން ވަނީ ހަމަލާ ބަދަލު ކުރުމުގެ ތެރޭގައި މަރުވެފައެވެ. އޮބެރޯއީ ހޮޓެލްގައި ހައްޔަރުކޮށްފައި ތިބި މީހުން ސަލާމަތް ކުރެވުނީ ހަމަ މި ދުވަހުގެ މެންދުރު ގަޑީގައެވެ. އަދި އޭގެ އަނެއް ދުވަހުގެ ހެނދުނު ވަނީ ތާޖް މަހަލް ހޮޓަލުގައިވެސް ތިބި މީހުން ސަލާމަތްކޮށްފައެވެ.

މި ހަމަލާތަކުގައި ޖުމުލަ 174 މީހުން މަރުވި އިރު، 300 މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި 9 ޓެރަރިސްޓުން ހަމަލާ ބަދަލު ކުރުމުގައި މަރުވެފައިވާއިރު އެކަކު ހައްޔަރު ކުރެވުނެވެ.

ހަމަލާ ދިން މީހުން

ހަމަލާދިނީ ކޮން ބައެއްތޯ ބަލަމުން ދިޔަ އިރުގައި "މުޖާހިދީން ހައިދަރްއާބާދް ޑެއްކަން" ކިޔާ ޖަމާއަތަކުން މި ހަމަލާގެ ޒިންމާ ނަގާކަމަށް އީމެއިލްގެ ޒަރިއްޔާއިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މި އީމެއިލްގެ އައިޕީ އެޑްރެސް ޓްރޭސް ކުރުމުން އެނގުނީ މިއީ ޕާކިސްތާނުގެ ކޮންމެވެސް ހިސާބަކުން ފޮނުވާފައިވާ އީމެއިލްއެއް ކަމެވެ.

ހަމަލާ ދިން އިރުގައި ގިނައިން މަރާލާފައިވަނީ ބޭރުގެ ފަތުރުވެރިން ކަމުގައި ބުމުން ފުރަތަމަ ބެލެވެމުން ދިޔައީ މި ހަމަލާގައި އަލްޤައިދާގެ އަތެއް ވާކަމުގައެވެ. ނަމަވެސް މި ހަމަލާ ދިން މީހުންގެ ތެރެއިން ދިރިހުއްޓާ ހައްޔަރުކުރެވުނު ހަމައެކަނި މީހާ ކަމަށްވާ އަޖްމަލް އަމިރް ކަސަބްގެ ވާހަކަތަކުން މިއީ ކަމުގެ ހަޤީޤަތް ނޫންކަން އެނގުނެވެ.

އެގޮތުން ޕާކިސްތާނުގެ ޕަންޖާބަށް ނިސްބަތްވާ މި މީހާ ތަޙުޤީގުގައި ބުނެފައިވަނީ ހަމަލާދިން 10 މީހުންނަކީވެސް ޕާކިސްތާނުގެ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ލަކްޝަރެ ތައިބާގެ ތެރެއިން ތަމުރީނުވެގެން އައި މީހުންކަމަށެވެ.

އެމީހުން މުމްބައީއަށް އައިސްފައިވާ ގޮތްވެސް އޭނާވަނީ ތަހުޤީގުގައި ކިޔާދީފައެވެ. އެގޮތުން އެމީހުންގެ ރާސްތާ ފެށީ ޕާކިސްތާނުގެ ކާގޯ ބޯޓަކުންނެވެ. އަދި ފަހުން އެމީހުން ވަނީ އިންޑިއާގެ މަސް ދޯންޏެއް ހިސޯރުކޮށް އޭގެ މަސްވެރިން މަރާލައި އޭގައި މުމްބައީގެ ކައިރިއަށް އާދެވުމުން، ވައިޖަހާ ޑިންގީތަކެއް ބޭނުންކޮށްގެން މުމްބައީއަށް އަރާފައެވެ. އަދި އެއަށްފަހު ކޮންމެ މީހެއްވެސް އެމީހަކު ހަމަލާ ދޭން ހަމަޖެހިފައިވާ ތަނަށް މިސްރާބު ޖެހީކަމަށް ކަސަބު ކިޔާދިނެވެ.

ކަސަބު ވަނީ އޭނާގެ ކުށަށް ވީ އިއުތިރާފަށް ފަހުން އިންކާރުކޮށްފައެވެ. އެހެންނަމަވެސް އިންޑިއާގެ ކޯޓުން 2010 ގައި ވަނީ އޭނާގެ މައްޗައް މަރުގެ އަދަބު އިއްވާ މި ޙުކުމް 2012 ވަނަ އަހަރުގައި ތަންފީޒުވެސް ކޮށްފައެވެ.

ޕާކިސްތާނާ ހުރި ގުޅުން

ޕާކިސްތާނާއި މި ހަމަލާއާއި އޮތް ގުޅުން ސާފުވުމުން،، އިންޑިއާއިން ވަނީ 28 ނޮވެމްބަރު 2008 ގައި އިންޑިއާގެ ތަހުޤީގުގައި ޕާކިސްތާނުގެ ލުޓެނެންޓު ޖެނެރަލް އަހްމަދު ޝުޖާއު ޕާޝާގެ އެއްބާރުލުމަށް އެދިފައެވެ. ފުރަތަމަ ޕާކިސްތާނުން މިކަމަށް އިޖާބަ ދިން ކަމުގައި ވިޔަސް، ފަހުން ޕާކިސްތާނުން ބުނީ ތާހުޤީގުގައި އެހީތެރިވުމަށް ފޮނުވާނީ ޖެނެރަލް ޕާޝާ ތަމްސީލުކުރާ އެހެން މުވައްޒަފެއްކަމަށެވެ.

ޕާކިސްތާނުގެ ޓެރަރިސްޓު ޖަމާއަތްތައް އަތުލައިގަތުމަށް އިންޑިއާއިން ކެނޑިނޭޅި ޕާކިސްތާނަށް ގޮވާލަމުން ދިޔަ ގޮވާލުންތަކަށް ބައިނަލްއަޤްވާމީ މުއާހަދާތަކުންވެސް ތަރުހީބު ލިބިގެންދިޔައެވެ. އެގޮތުން ޕާކިސްތާނުން ބުނެފައިވަނީ އެމީހުން ވަނީ ލަކްޝަރެ ތައިބާގެ އިސް ލީޑަރުކަމަށްވާ ޒާކިރުއް ރެހެމާން ލާކްވީ 8 ޑިސެމްބަރު 2008 ގައި ހައްޔަރުކޮށްފައިކަމަށެވެ.

އަދި މި ހަމަލާއާ ގުޅުންހުރި ކަމަށް ތުހުމަތު ކުރާ ޖަމާއަތުއް ދާވާ ގެ މީހުންވެސް ހައްޔަރުކޮށް ތަހުޤީގުތައް ކުރިއެވެ. ނަމަވެސް ޕާކިސްތާނުގެ އޭރުގެ ޕްރައިމް މިނިސްޓަރު ޔޫސުފް ރަޒާ ގިލާނީ ވިދާޅުވީ މި ޖަމާއަތް ބަންދުކުރެވެން ނެތް ކަމަށެވެ. ސަބަބަކީ އެ ޖަމާއަތަކީ މުޖުތަމައަށް އެތައް އެހީތަކެއް ވަމުންދާ، އަދި ޓެރަރިސްޓުން ހިމެނޭ ޖަމާއަތެއްކަން ކަށަވަރު ނުވާތީއެވެ. އަދި މި މީހުންގެ މައްޗައް ފިޔަވަޅު އެޅޭނީ އިތުރު ހެއްކާއި ޤަރީނާ އިންޑިއާއިން އެމީހުންނާ ދެކޮޅަށް ފޯރުކޮށްދިނުމުން ކަމަށެވެ.

އިންޑިއާއިން ހަމަލާއަށް ފަހު އެޅި ފިޔަވަޅުތައް

މި ޓެރަރިސްޓު ހަމަލާއިން އެނގިގެން ދިޔައީ އިންޑިއާގެ އޭރުގެ ސަލާމަތީ ބާރުތަކުގެ ހީނަރުކަމެވެ. އެކަށީގެންވާ މިންވަރަށް  މިފަދަ ހަމަލާއަކަށް ތައްޔާރުވެފައި ނުވުމަކީ މި ހަމަލާ ދެވުނު މައިގަނޑު ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމުގައި އިންޑިއާއިން ޤަބޫލުކުރިއެވެ.

އެގޮތުން ހަމަލާއެއް ރާވާ ކަމުގެ ރިޕޯޓުތައް އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ލިބުނުކަމުގައި ވިޔަސް އެކަމާމެދު އެއްވެސް ފިޔަވަޅެއް ނާޅާ ވަނީ ދޫކޮށްލާފައެވެ. އަދި ހަމަލާ ދިނުމުން އެތަނަށް އިންޑިއާގެ ސިފައިން ދިޔުމަށްވެސް 10 ގަޑިއިރު ނެގިކަމަށްވެއެވެ.

އެހެންކަމުން މިފަދަ ކަންކަމުން ރައްކާތެރިވުމަށް އިންޑިއާއިން ވަނީ ޓެރަރިޒަމްގެ ހަމަލާތައް ދުރާލާ ތަހުޤީގުކުރުމަށް އިދާރާތަކެއް އުފައްދާފައެވެ. އެގޮތުން ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީއަކީ 17 ޑިސެމްބަރު 2008 ގައި އިންޑިއާއިން އުފެއްދި ކައުންޓަ ޓެރަރިޒަމް އިދާރާއެކެވެ. އަދި މީގެ އިތުރުން އިންޑިއާގެ ޤާނޫނާއި ޤަވާއިދުތަކަށްވެސް ބަދަލުތަކެއް ގެނެވުނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!