ޚަބަރު ސިޔާސީ

ދަރިފުޅު މިޒްނާގެ މުސާރަ ބޮޑު ވާހަކަ ދައްކާތީ ޝަރީފް ރުޅިގަދަވެއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަޤާމުގައި ހުންނެވި މިޒްނާ ޝަރީފަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި އަހަރަކު 2.4 މިލިއަން ރުފިޔާ ލިބިލައްވާ ވާހަކަ ދައްކަން ފެށުމުން ރައްޔިތުން މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ނުރުހުން ފާޅުކުރައްވައިފިއެވެ.

Ads by MWSC

ފޮރިން މިނިސްޓްރީން ހިއްސާކުރި މަޢުލޫމާތުތަކާ ހަވާލާދީ އޮންލައިން ނޫސް ''ދިޔަރެސް'' އިން މިދިޔަ އޮގަސްޓުމަހު ރިޕޯޓުކޮށްފައިވާ ގޮތުން ޝަރީފްގެ ދަރިފުޅު މިޒްނާއަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި އަހަަރަކު 2,416,917 ރުފިޔާ ލިބިލައްވައެވެ.

ފޮރިން މިނިސްޓްރީން ހާމަކުރި މަޢުލޫމާތުތަކުގައިވާ ގޮތުން މިޒްނާގެ އަސާސީ މުސާރައަކީ 216,000 އެވެ. ރަމަޟާން އެލަވަންސަށް 3000 އަދި ސްޕެޝަލް އެލަވަންސް ޓު ދަ ޕޯސްޓަށް 118,981 ރުފިޔާ ލިބިލައްވައެވެ. އަދި ކޮމިއުޓިން އެލަވަންސްގެ ގޮތުގައި 99,922 ރުފިޔާއާއި, ޑިޕެންޑެންސް އެލަވަންސްގެ ގޮތުގައި 1,585,299 ރުފިޔާއާއި, އެހެނިހެން 393,765 ރުފިޔާ ލިބިލައްވައެވެ.

ޑިޕެންޑެންސް އެލަވަންސްގެ ގޮތުގައި ލިބެންޖެހޭ ވަރަށްވުރެ ގިނައިން މިޒްނާ ފައިސާ ނަންގަވާ ކަމަށާއި އެ މައްސަލަ ވެސް ކޮންމެވެސް ދުވަހަކު ބެލޭނެކަމަށް ބުނެ ނޫސްވެރިއަކު މިއަދު ކުރި ޓުވީޓަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ އެއީ ކަނޑައެޅިގެން ސިޔާސީ ބޭނުމަށް ދައްކާ ވާހަކަ ކަމަށެވެ. އަދި އެފަދަ ދޮގެއް ފަތުރަނީ ކޮން އޮޑިޓް ރިޕޯޓަކަށް ބިނާކޮށްގެންތޯ ވެސް ޝަރީފް ސުވާލު ކުރެއްވިއެވެ.

މިޒްނާ ނޫނަސް ކޮންމެ އެމްބަސީއެއްގައި ޑެޕިއުޓީއެއް އެބަހުރި. އެ ފަރާތްތަކަށް ވެސް މުސާރަ ލިބޭ. ދިރިއުޅޭނެ ތަނެއްގެ އެލަވަންސް ވެސް ލިބޭ. އެކަމު އެ ވާހަކަ ނުދައްކާ.

ޝަރީފް ވިދާޅުވި ގޮތުގައި އެފަދަ ވާހަކަތަކަކީ ޒާތީ ހަސަދައެވެ.

މި ސަރުކާރުން އެމްބަސީތަކަށް ބޮޑެތި ޚަރަދުތައް ކުރަމުންދާއިރު މެލޭޝިޔާގައި ހުންނަ އެމްބަސީއަށް މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު 82 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ ފަހު ތިން އަހަރު އެ އެމްބަސީއަށް ހޭދަކުރީ 43 މިލިއަން ރުފިޔާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!