ޚަބަރު

ޗައިނާގެ ބައްދަލުވުމުގައި ރާއްޖެ ބައިވެރިވި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޗައިނާއާ ގުޅިގެން އެކި ދާއިރާތަކުން މަސައްކަތްކުރުމާ ބެހޭ ގޮތުން އެކި ގައުމުތަކުން ބައިވެރިވި ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމްގައި ސަރުކާރަށް ނޭގި ރާއްޖެ ބައިވެރިވި ކަމަށް ބުނާ ވާހަކަ ދިވެހި ސަރުކާރުން މިއަދު ދޮގުކޮށްފިއެވެ.

Ads by MWSC

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 21 ނޮވެމްބަރު 2022 ގައި ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ރާއްޖެއިން ބައިވެރިވި ކަމަށް ބުނެ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން ނެރުނު ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގެ މައުލޫމާތު ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ އެ ފޯރަމްގައި ދިވެހި ސަރުކާރުން ބައިވެރިވެފައި ނުވާކަމަށާއި، 15 ނޮވެމްބަރ 2022 ގައި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއަށް ބައިވެރިނުވުމަށް ނިންމިކަން މިނިސްޓްރީން ސާފުކޮށްދީފައިވާ ކަމަށެވެ.

މީގެ އިތުރުން، ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންނަކީ ދިވެހި ސަރުކާރު ތަމްސީލްކުރި ބައެއް ނޫން ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޖ)ގައިވާ ގޮތުގެ މަތިން، ޤައުމުގެ ޚާރިޖީ ސިޔާސަތު ކަނޑައެޅުމާއި، ޢަމަލުކުރުމާއި، ބެލެހެއްޓުމާއި، ބޭރުގެ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކާ އެކު ސިޔާސީ ގުޅުން ހިންގޭނީ ހަމައެކަނި މިހާރު ހުންނެވި ރައީސަށް ކަމަށެވެ.

އަދި ބައިނަލްއަގްވާމީ އުސޫލުގައިވާ ގޮތުން ރާއްޖެ ތަމްސީލުކުރުމަށް ބާއްވާ ބައްދަލުވުންތަކާއި ފޯރަމްތަކާއި ކޮންފަރެންސްތަކަށް ރަސްމީ އެކްރެޑިޓޭޝަން އޮންނާނީ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

Ads by PNC
  1. އަބްދޫ

    ރާއްޖެގެ ދިވެހި ރައްޔިތުން ބައިވެރި ނުވާކަމަކަށް ނުހެދޭނެ. ސާހިދު ބޭނުންހާގޮތަކަށް ރާއްޖެއަކަށް ނެހެދޭނެ.

  2. ރާއްޖެ

    މިރާއްޖެެ އިންޑިއާއައްްް އަޅުވެތިވެފާވާމިންވަރުު ހާމަވެއްޖެެ މިހާރުދެންކިޔޭނީީ އުންޑިއާާގެެ މަހަލްދީބުު ސިޓީި