ޗައިނާގައި ޑޭޓިން އެޕް އާއި ޓެލެގްރާމް ބޭނުންކޮށްގެން ތަފާތު ގޮތަކަށް މުޒާހަރާ ރާވަނީ
ކޮވިޑް-19 އާ ދެކޮޅަށް ޗައިނާގައި އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅު ފަރާތްތަކުން ސެންސަރުން ސަލާމަތްވުމަށާއި، އެ މީހުންގެ މުޒާހަރާގެ ތައްޔާރީތަކާ ބެހޭ ގޮތުން ވާހަކަ ފެތުރުމަށްޓަކައި ޗައިނާގައި ބްލޮކްކޮށްފައިވާ ޑޭޓިން އެޕްލިކޭޝަންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކުރަން ފަށައިފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ޗައިނާއިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅު ފަރާތްތަކުގެ ވީޑިއޯތަކާއި ފޮޓޯތަކާއި ހިސާބުތައް ހަފުތާ ބަންދުގައި ކުރި މުޒާހަރާތަކަށް ފަހު ޗައިނާގައި ވަނީ އެއްކޮށްފައެވެ. އަދި ސެންސަރުން އެ ތަކެތި ޑިލީޓް ކުރުމުގެ ކުރިން އެކްޓިވިސްޓުން ބޭރުގެ ޕްލެޓްފޯމްތަކަށް ފޮނުވާނެ ކަމަށް ސޯޝަލް މީޑިއާބޭނުންކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ޗައިނާގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ވޫހާންގައި ކޮވިޑްް ފެތުރެން ފެށިތާ ގާތްގަނޑަކަށް ތިން އަހަރު ވެފައިވާއިރު ޒީރޯ-ކޮވިޑްގެ ހަރުކަށި ސިޔާސަތާ އެކުވެސް ކޮވިޑް ފެތުރޭ މިންވަަރަށް ބަދަލެއް އައިސްފައި ނުވެއެެވެ. އެ ގައުމުގައި މުޒާހަރާ ފެށިފައިވަނީ ހުޅަނގުގެ ސިޓީއެއް ކަމަށްވާ އުރުމްކީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެންނެވެ.
ލޮކްޑައުންގެ ސަބަބުން އަލިފާނުގެ ހާދިސާއިން މީހުން ސަލާމަތްވުމަށް ގިނަ ހުރަސްތަކާ ކުރިމަތިލާން ޖެހުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއާއެކު އުރުމްކީ މަގުތަކުގައި އާންމުން ނިކުމެ ވަނީ މުޒާހަރާކޮށްފައެވެ. އެ މުޒާހަރާތަކަށް ފުލުހުން ހުރަސް އެޅި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ތުހުމަތުތައް ކަމާބެހޭ ފަރާތްތަކުން ވަނީ ދޮގުކޮށްފައެވެ. ނަމަވެސް އޭގެ ވީޑިއޯތައް ވެއިބޯ އާއި ޑޫއިން ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި ވަނީ އާންމުކޮށްފައެވެ.
އެއަށްފަހު ޗައިނާގެ އެހެން ސިޓީތަކުގެ ރައްޔިތުންނާއި ކެމްޕަސްތަކުގައި ކިޔަވާ ދަރިވަރުން ވަނީ އަމިއްލަ އެއްވުންތައް އިންތިޒާމުކޮށް، ވީޑިއޯކޮށް އެކި ވެބްސައިޓުތަކަށް ޕޯސްޓްކުރަން ފަށައިފައެވެ.
އެ މުޒާހަރާތަކާ ބެހޭ ގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ޗައިނާ އަކީ މިނިވަންކަން އޮންނަ ގައުމެއް ކަމަށާއި އެ ގައުމުގެ ރައްޔިތުންގެ ހުރިހާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ހައްގުތައް ބޭނުންކުރަން ޖެހޭނީ ގާނޫނުގެ އިމުގެ ތެރެއިން ކަމަށް ބުންޏެވެ.